އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫއުގެ ފަހު ސެގްމަންޓުގެ މަސައްކަތް ފެށިގެން ކުރިއަށް
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް ޒަމާނީ ފެންވަރަށް މަރާމާތުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ހަތަރުވަނަ އަދި އެންމެ ފަހު ސެގްމަންޓުގެ މަސައްކަތް ފަށައި، ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ހަތަރުވަނަ ސެގްމަންޓުގައި ހިމެނޭ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތްތައް މިހާރު ދަނީ ބާރުދުވެލީގައި ކުރިއަށެވެ. އެގޮތުން ކުރިން އަޅާފައި އޮތް ބާ ތާރުގަނޑު އެއްކޮށް ނެގުމަށްފަހު، އަލުން އޭބީސީ (އެގްރިގޭޓް ބޭސް ކޯސް) ފަށަލަ އެޅުމުގެ މުހިންމު މަރުހަލާ މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. އަދި މި ހިނގާ މަހުގެ ނިޔަލަށް އެ ސަރަހައްދުގައި މުޅިން އަލުން ތާރުއަޅައި އެއްކޮށް ނިންމުމަށް ކުންފުނިން ދަނީ އަމާޒު ހިފައިގެން މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫއުގެ ތެރެއިން މީގެ ކުރިން ކުރިއަށްގެންދިޔަ ތިން ސެގްމަންޓުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ. އެގޮތުން ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދާއި، ދެވަނަ ސެގްމަންޓުގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ ހަތަރު އަނގޮޅި ކަންމަތީގެ މަސައްކަތް ނިންމައި މިހާރު ވަނީ އާންމު ދަތުރުފަތުރަށް ރަސްމީކޮށް ހުޅުވާލާފައެވެ. މީގެއިތުރުން ތިންވަނަ ސެގްމަންޓުގެ މަސައްކަތް ވެސް ވަނީ މުޅިން ފުރިހަމަކޮށްފައެވެ.
އަމީނީ މަގަކީ މާލޭގައި އެންމެ ބާރުބޮޑު އަދި ގިނަ އަދަދެއްގެ އާންމު ހިދުމަތްތައް ހުންނަ އެއް މަގަށްވުމާއެކު، މި މަޝްރޫއު އެއްކޮށް ނިމިގެން ދިއުމުން މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބި، ދުއްވާ އެއްޗެއްސަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





