އާރްޑީސީގެ ރަސްމީކޮށް އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެންމެހައި މަޝްރޫއުތަކާއި މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.
އެމްޓީސީސީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް އާރްޑީސީ އެމްޓީސީސީގެ ދަށަށް ގެނައުމުގެ އަމަލީ މަސައްކަތްތައް ނިމި، އެ ކޯޕަރޭޝަންގެ ހުރިހާ މަސައްކަތްތަކެއް މިހާރު ހިނގަމުންދަނީ އެމްޓީސީސީގެ ބެލުމުގެ ދަށުން ކަމަށެވެ.
މި ބަދަލާ ގުޅިގެން، މީގެ ކުރިން އާރްޑީސީން ހިންގަމުން އައި ހުރިހާ އުމްރާނީ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިއަށްގެންދިއުމާއި، އެ މަޝްރޫއުތަކާ ގުޅިގެން އަދާކުރަންޖެހޭ އެންމެހައި އިދާރީ އަދި ގާނޫނީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ދެން އުފުލާނީ އެމްޓީސީސީން ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެއް ދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުނިތައް އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމެވި މި ނިންމެވުމުގެ މައިގަނޑު މަގުސަދަކީ، ތަކުރާރުވާ ހަރަދުތައް ކުޑަކޮށް، ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމެވެ. މީގެއިތުރުން، އެއްބަސްވުންތަކާ އެއްގޮތަށް އަވަސް މިނެއްގައި މަޝްރޫއުތައް ނިންމުމަށް ވެސް މި ބަދަލުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
މި ނިންމުމާއެކު، މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި މަގުހެދުމަށް ހިންގަމުންދާ ބޮޑެތި މަޝްރޫއުތައް ހުއްޓުމެއްނެތި އެމްޓީސީސީގެ ބެލުމުގެ ދަށުން ބާރަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ރިއެކްޝަންސް





