ގިރާވަރުފަޅުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައިފި

ގިރާވަރުފަޅުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައިފި

10 hours ago - 08:21
Advertisement
Advertisement

މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށްވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމި، މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.


މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން ވޭތުވެދިޔަ ސަރުކާރު ނިމުނުއިރު ހިއްކިފައި އޮތީ އެންމެ 70 ހެކްޓަރުގެ ބިމެވެ. މިހާރު އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދަނީ މި މަޝްރޫޢުގެ ނުނިމި އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ.


މި މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން ފާހަގަކުރައްވައި އެމްއޭސީއެލްއިން ވިދާޅުވީ، ގިރާވަރުފަޅުގެ ބިން ހިއްކުމަށް އެ ކުންފުނިން ބޭނުންކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގެ ބޮޑެތި ދެ ޑްރެޖަރު ކަމަށެވެ. އެގޮތުން، 35,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި 'ކުއީން އޮފް ދަ ނެދަލޭންޑްސް' އަދި 22,000 ކިއުބިކް މީޓަރުގެ 'އޮރެންޖް' ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަކަށް ބާކީ އޮތް ބައި ހިއްކައި ނިންމުމެވެ.


ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ރައްޔިތުން ޒަމާނުއްސުރެ ތަޙައްމަލު ކުރަމުންދާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދައިދީ، ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ އެންމެ ބިޔަ އެއް މަޝްރޫޢެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement