މެދުއިރުމަތީގެ ހަނގުރާމައާއެކު މަޝްރޫޢުތަކަށް ލަސްކަމެއް އައިނަމަވެސް، މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދަނީ: ރައީސް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް އައި ބަދަލުތަކުގެ ސަބަބުން، ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު އެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރާ ބައިގެ ތެރޭގައި އުމްރާނީ ތަރައްޤީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބަނދަރު ހެދުމާއި، މަގު ހެދުމާއި، އެއަރޕޯޓްތައް ތަރައްޤީކުރުމުގެ އިތުރުން ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިން ހިއްކުމުގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް 21 ރަށަކުން 1100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. މީގެ ތެރެއިން 500 ހެކްޓަރަކީ "ރަސްމާލެ" މަޝްރޫޢުގެ ދަށުން ހިއްކާފައިވާ ބިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ބިން ހިއްކުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ނަމަވެސް، އެއީ ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން މުހިއްމު މަސައްކަތެކެވެ.
"އަޅުގަނޑުމެން އާބަން ޑިވެލޮޕްމަންޓް ޕްލޭން ފަރުމާ ކުރަނީ ސަރަޙައްދީ ތަރައްޤީގެ ގޮތުގައި. މިސާލަކަށް އެއަރޕޯޓްތައް ތަރައްޤީކުރާ ތަންތަނަކީ އޭގެ ސަބަބުން ޕޮޕިއުލޭޝަން ކޮންސަލިޑޭޝަނަށްވެސް ފައިދާވާނެ ތަންތަން،" ރައީސް ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާއި މެޓީރިއަލްސް ލިބުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެކަންކަން ރައީސް އޮފީހުންނާއި ކަމާބެހޭ ވުޒާރާތަކުން ކޮންމެ ދުވަހަކު މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި ދައުލަތުގެ ދަރަނި ދައްކަމުންވެސް، އިސްކަންދޭންޖެހޭ ބޯހިޔާވަހިކަމާއި ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމެވެ. އަދި މިއަހަރުގެ ބާކީ އޮތް ހަމަސް ދުވަހުގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތަކުން އިތުރު ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާތަކެއް ފެނިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް





