ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދުކުރެވޭ އިންތިޒާމު ހަމަޖައްސައި، ބަންގި ގަޑިއަށް ކުޅިވަރު މެދުކަނޑައިލުމަށް ލާޒިމުކުރަނީ
ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ނަމާދުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއެކު، ބަންގި ގޮވުމުން ނަމާދުކުރުމަށްޓަކައި ކުޅިވަރު ކުޅުން މެދުކަނޑައިލުން ލާޒިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅިވަރުގެ ތެރޭގައި އުޅޭއިރު ނަމާދު ގަޑި ފާއިތުވެގެންދިއުމަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ނަމަވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެންކަމުން، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، އަމަލީ ގޮތުން ކަންކަން ހިނގަންވާނީ އެ ޙަޤީޤަތާ އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނިންމެވުމުގެ ދަށުން، ސަރުކާރުން މިހާރު ޤާއިމުކޮށްފައިވާ އަދި ކުރިއަށް އޮތް ތަނުގައި ބިނާކުރާ ހުރިހާ ކުޅިވަރު ފެސިލިޓީތަކެއްގައި ޒަމާނީ ވަސީލަތްތަކާއެކު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ ތެރޭގައި ވުޟޫކުރެވޭނެ އިންތިޒާމުވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚާއްޞަ ގޮތެއްގައި މާލޭގައި އެންމެ ގިނަ ބަޔަކު ކުޅިވަރު ކުޅުމަށް ބޭނުންކުރާ "ކުޅިވަރު އެކުވެނި" އާއި މާފަންނު ސްޓޭޑިއަމް ފަދަ ތަންތަނުގައި ވުޟޫކޮށް ނަމާދުކުރެވޭނެ އެކަށީގެންވާ އިންތިޒާމެއް މިހާތަނަށް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ ތަންތަނުގައި ޒަމާނީ ފެންވަރުގެ ނަމާދުކުރާ ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މާފަންނު ސްޓޭޑިއަމުގައި ނަމާދުކުރާ ފެސިލިޓީ ގާއިމުކުރުމާ ހުރިހާ ކަމެއް ނިމިގެންދާނެ. ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އެކި ކަހަލަ ކުޅިވަރު ފެސިލިޓީތައް އެޅިގެންދާއިރު އެގޮތަށް އެކަން ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބަންގި ގޮވާ ވަގުތުން ފެށިގެން ނަމާދުކޮށްލެވޭނެ ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރެއް މެދުކަނޑައިލުން ލާޒިމުވާ ގޮތަށް އުޞޫލުތައް ކަނޑައަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ބަދަލުތައް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އަމަލީ ގޮތުން ފެންނަން ފަށާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް





