
ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރަކީ، ދެ ގައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއް- ރައީސުލްޖުމްހޫރިއްޔާ
ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރަކީ، ރާއްޖެއާ ތުރުކީގެ ވަރުގަދަ ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރާއި ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. ތުރުކީ ނޭވީގެ ފްލީޓް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް ދެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ތުރުކީން ހަދިޔާކުރެއްވި މަނަވަރަށް ދީފައިވާ ނަމަކީ "ދަރުމަވަންތަ" އެވެ. މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ. މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ރިއެކްޝަންސް






