ރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ ސާޖަރީތައް ކުރަން ފަށައިފި
ރާއްޖޭގެ ސިއްހީ ދާއިރާއަށް އައި އިންގިލާބީ ބަދަލެއްގެ ގޮތުން، "ނެނޯ ނީޑަލް" ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުޅުތަކުގެ އޮޕަރޭޝަންތައް ރާއްޖޭގައި އަލަށް ފަށައިފިއެވެ.
މި ޒަމާނީ ހިދުމަތް ތައާރަފުކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މިއީ މިހާރު އާންމުކޮށް ކުރަމުން އަންނަ އާތްރޮސްކޮޕިކް ސާޖަރީތަކާ އަޅާބަލާއިރު، މާ ކުޑަ ތަންކޮޅެއް ފަޅާލައިގެން ކުރިއަށް ގެންދެވޭނެ ފަރުވާއެކެވެ.
މި ސާޖަރީތަކުގައި ބޭނުންކުރާ ނެނޯ ނީޑަލް ކެމެރާއަކީ އިންޖެކްޝަން ކައްޓެއްހާ ހަނި، އަދި ބޭނުންވާ ގޮތަކަށް ލަނބާލެވޭ ފަދަ ފްލެކްސިބަލް ކެމެރާއެކެވެ. އައިޖީއެމްއެޗްއިން ހާމަކުރި ގޮތުގައި، މި ކެމެރާގެ އެހީގައި ހުޅުގެ އެތެރެ ވަރަށް ސާފުކޮށް ފެންނާނެތީ، ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި އައު އުކުޅުގެ ސަބަބުން ބަލިމީހާ އޮޕަރޭޝަނަށްފަހު ފަސޭހަވާ މުއްދަތު ވަރަށް ބޮޑަށް އަވަސްވެގެންދެއެވެ. މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ އެނެސްތީޝިއާ ޑިޕާޓްމެންޓްގެ ޑރ. އައްސަދު މުހައްމަދު ޝަހީދު ވިދާޅުވީ، ސާޖަރީއަށް އަންނަ މިފަދަ ކުރިއެރުންތަކުގެ ސަބަބުން އެނެސްތީޝިއާ ދިނުމުގައާއި، ހާލު ބޮޑު ބަލިމީހުންނަށް ފަރުވާ ދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި އޮޕަރޭޝަނަށްފަހު އިހުސާސްކުރަންޖެހޭ ތަދު ކުޑަވުމުގެ އިތުރުން، ފިޒިއޮތެރަޕީ އާއި ރިހެބިލިޓޭޝަންގެ މަރުހަލާތައް އަވަހަށް ފެށުމަށް މަގުފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް





