ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިޚާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިޚާބުކޮށްފިއެވެ.
ސަލީމް މި މަޤާމަށް އިންތިޚާބު ކުރައްވާފައިވަނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ސިއްރު ވޯޓަކުންނެވެ. މި މަޤާމަށް ޕީއެންސީގެ ފަރާތުން ސަލީމްގެ ނަންފުޅު ހުށަހެޅުއްވިއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަންފުޅެވެ.
ވޯޓުގެ ކަންކަން ކުރިއަށްގެންދިއުމަށްޓަކައި މަޖިލީހުގެ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ކޮމިޓީއެއް އިންތިޚާބުކުރެވުނެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މެންބަރު ހުސްނީ މުބާރިކް، މެންބަރު އަހްމަދު ޒަމީރު، މެންބަރު ޑރ. އަނާރާ ނައީމް، މެންބަރު އިބްރާހީމް ނާޒިލް އަދި އަމިއްލަ މެންބަރެއްގެ ގޮތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އިދްރީސްއެވެ.
މިއަދު ނެގުނު ވޯޓުގެ ނަތީޖާ ދައްކާގޮތުން، އަޙްމަދު ސަލީމް މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ 62 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އިދިކޮޅު ކެންޑިޑޭޓް ހުސައިން ޒިޔާދުއަށް ލިބިވަޑައިގަތީ 10 ވޯޓެވެ. މީގެ އިތުރުން ދެ ވޯޓެއް ބާތިލްވެފައިވާކަން މަޖިލީހުން ހާމަކުރައްވާފައިވެއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމް ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ މަޤާމުން އިސްތިޢުފާދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިޢުފާގެ ސިޓީ ހުށަހެޅުއްވީ އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލަ އިއްޔެގެ ޖަލްސާއަށް އެޖެންޑާކޮށް، ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށެވެ.
މިއަދުގެ މި އިންތިޚާބާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއެކު ދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ އަޙްމަދު ސަލީމެވެ.
ރިއެކްޝަންސް

