ރާއްޖެއަށް އެތެރެނުވެވޭ ބަޔަކަށް ރަސްމާލެއަކަށް ވެސް ނުދެވޭނެ: މެންބަރު އައިބީ

ރާއްޖެއަށް އެތެރެނުވެވޭ ބަޔަކަށް ރަސްމާލެއަކަށް ވެސް ނުދެވޭނެ: މެންބަރު އައިބީ

5 hours ago - 20:49

ރަސްމާލެއަށް އިޒްރޭލު މީހުން އަންނާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، ރާއްޖެއަށް އެތެރެވުން މަނާކޮށްފައި އޮންނަ ބަޔަކަށް ރަސްމާލެއަށް ވެސް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، ރާއްޖެއަށް އިޒްރޭލު މީހުން އެތެރެވުން މަނާކުރަން ނިންމާފައި އޮއްވައި، އެ މީހުންނަށް ރަސްމާލެއަށް އާދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ރަސްމާލެއަށް ވެސް ދެވޭނީ ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ޤައުމަށް އެތެރެވެގެން ކަމަށް ވާއިރު، އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތައް ދައްކަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގެ ބޭނުމުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


"މި ޤައުމުގެ އެތެރެނުވެވޭ ބަޔަކަށް ކިހިނެއް ރަސްމާލެއަށް ދެވޭނީ؟ ފުރަތަމަ އެ ދެވޭނީ ޤައުމުގެ ދޮރާށިން އެތެރެވެގެން ނޫންތޯއޭ؟" މަޖިލީހުގައި ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވިއެވެ.


ފަލަސްޠީނާއި މުސްލިމުންގެ ޙައްޤުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވަމުން މެންބަރު ވިދާޅުވީ، މި ސަރުކާރުން މި މައްސަލައިގައި ކުރި މަސައްކަތާ އެއްވަރަށް ރާއްޖޭގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.


މީގެ އިތުރުން މާޒީގައި އެމްޑީޕީގެ ވެރިކަމުގައި އިޒްރޭލާ ގުޅުން ބަދަހިކޮށް، އެ ޤައުމުގެ ޑޮކްޓަރުން ރާއްޖެ ގެނައުމާއި އިޒްރޭލުން ފްލައިޓްތައް ބޭއްވުން ފަދަ އެތައް ކަމެއް ކޮށްފައިވާ ކަމަށް ވިދާޅުވެ، މެންބަރު އައިބީ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow