ފުވައްމުލައް ސިީޓީގެ މަގުތައް، އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގޮސްގެން މިނިސްޓަރާއި ސުވާލުކޮށްފި

ފުވައްމުލައް ސިީޓީގެ މަގުތައް، އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގޮސްގެން މިނިސްޓަރާއި ސުވާލުކޮށްފި

14 hours ago - 11:21

ފުވައްމުލައް ސިީޓީގެ މަގުތައް އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގޮސްގެން މިނިސްޓަރ އޮފް އިނފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބްއާއި، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ސުވާލުކުރައްވައިފިއެވެ. 

މެންބަރު އިއްބެގެ ސުވާލުތައް ބިނާކުރައްވާފައިވަނީ ފުވައްމުލަކު ސިޓީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މިހާރު ގޮސްފައިވާ ހިސާބާއި، ވަކިން ޚާއްޞަކޮށް ދޫޑިގަން ދާއިރާގައި ހިންގާ މަޝްރޫއުތަކުގެ ތަފްސީލު ހޯއްދެވުމުގެ މައްޗަށެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން، މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ފުވައްމުލައް ސިޓީގައި ކުރިއަށްދާ ބޯހިޔާވަހިކަމާއި، މަގު ހެދުމުގެ މަޝްރޫއުތައް މެދުކެނޑުމެއްނެތި އޭގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެެވެ. އަދި ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓުމެއްނެތި ކުރިއަށް ގެންދާ ކަމަށާއި، ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައްވެސް ހިނގަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 "ލަސްތަކެއް ނުވެ މި މަސައްކަތްތައް އަމަލީ ގޮތުން ފެށިގެންދާނެ. ސަރުކާރުގެ އަމާޒަކީ ފުވައްމުލަކު ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.


މީގެ އިތުރުން، ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަގު ހެދުމަށް ތާރުއަޅަން ތައްޔާރުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ ސާމާންތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމްޓީސީސީއާ ގުޅިގެން، އާންމުންނަށް ފެންނާނެހެން މަގުތަކުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ބާރުއަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.


ފުވައްމުލަކަކީ ލޯކަލް ޓޫރިޒަމްގެ ބޮޑު ގާބިލިއްޔަތެއް އޮތް ސިޓީއަކަށް ވުމުން، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން، މަގުތައް ފަރުމާކުރަނީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ގޮތަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow