16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިޔާ މަނާކުރަން ސަރުކާރުން ނިންމައިފި
ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ އަދި ރޫޙާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިޔާގެ ބައެއް މަންސަތައް ބޭނުންނުކުރެވޭ ގޮތަށް މަނާކުރުމަށް ސަރުކާރުން ގަސްތުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މީސްމީޑިޔާގެ އެކި މަންސަތަކުގައި ޒުވާންކުދިން ނޭދެވޭ ކަންކަމުގެ ތެރެއަށް ވަނުމަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މި ނުރައްކާތެރި ވަބާ ރާއްޖެއަށްވެސް ފެތުރިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ސައިބާ ބުލީން ނުވަތަ އޮންލައިންކޮށް ބުލީކުރުމާއި، ކުޑަކުދިން ގްރޫމްކުރުމުގެ އިތުރުން، އިންޓަނެޓްގެ ޒަރީއާއިން ކުދިންނަށް ފެންނަ ނުރައްކާތެރި ކޮންޓެންޓުތަކުގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުއްވާލެއްވިއެވެ.
"އަޅުގަނޑުމެން މިއީ އިސްލާމީ މުޖުތަމައަކަށްވާއިރުގައި، މިހާ ކްލޯސް ނިޓެޑް ކުޑަ މުޖުތަމައަކަށްވާއިރުގައި އަޅުގަނޑުމެންގެ ޒުވާންކުދިން ތުއްތުކުދިން މިކަންކަމުން ސަލާމަތްކުރުމަށް މަސައްކަތްތަކެއް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް،" ރައީސް ވިދާޅުވިއެވެ.
މި ފިޔަވަޅު އެޅުމުގައި އޮސްޓްރޭލިއާއިން ގެންގުޅޭ އުސޫލުތަކަކީ ނަމޫނާއެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އޮސްޓްރޭލިއާގެ ގާނޫނުތަކާއި މީސްމީޑިޔާ ކުންފުނިތަކާ މުއާމަލާތްކުރާ މިންގަނޑުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިކަމުގައި ސިވިލް ސޮސައިޓީއާއި އާންމު ރައްޔިތުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މި ފިޔަވަޅުތައް ތަންފީޒުކުރެވޭ މަރުހަލާއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައިވެސް ވިދާޅުވިއެވެ.
މި ނިންމުމަކީ ޑިޖިޓަލައިޒޭޝަނާ ދުރަށް ދިއުން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންނާއި ޒުވާނުންނަށް ރައްކާތެރި މާހައުލެއް އިންޓަނެޓުގައި ގާއިމުކޮށްދިނުން ކަމަށެވެ.
ރިއެކްޝަންސް





