ޔޫއޭއީގައި ހައްޔަރުކުރި ދެ ދިވެހި ޕައިލެޓުން ޑީޕޯޓްކޮށްލުމުން ރާއްޖެ ގެނެސް ފުލުހުން ސުވާލުކުރަން ފަށައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހައްޔަރުކޮށްފައި ތިބި ފްލައި ދުބާއީގެ ދެ ދިވެހި ޕައިލެޓުން ބަންދުން ދޫކޮށްލައި، ރާއްޖެއަށް ޑީޕޯޓްކޮށްލުމުން މިއަދު އެ މީހުން ރާއްޖެ ގެނެސްފިއެވެ.
އެ ދެ މީހުން މިއަދު ރާއްޖެ އައުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހިފަހައްޓާފައެވެ. އަދި މިހާރު ފުލުހުން ގެންދަނީ އެ ދެ މީހުންނާ ސުވާލުކުރަމުންނެވެ. އެ މީހުން ރާއްޖެ ގެނެސްފައި މިވަނީ މި ހާދިސާއާ ގުޅިގެން ޔޫއޭއީގެ ބަންދުގައި ބޭތިއްބިތާ 21 ދުވަސް ފަހުންނެވެ.
ފްލައި ދުބާއީގެ ދެ ކޯ-ޕައިލެޓުން ޔޫއޭއީގެ ސަލާމަތީ ބާރުތަކުން ހައްޔަރުކުރީ، ދުބާއީން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި އެ އެއާލައިންގެ ފްލައިޓެއްގެ ކޮކްޕިޓްގައި ހިނގި ހާދިސާއަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިންނެވެ. މި މައްސަލައިގައި މި ދެ ދިވެހިންނާ ސުވާލުކުރުމަށް ހައްޔަރުކުރީ މައިގަނޑު ގޮތެއްގައި މިކަމުގައި ތުހުމަތުކުރެވޭ އޮމާންގެ ޕައިލެޓާއެކު އެއް އިމާރާތެއްގައި ދިރިއުޅެމުން ދިޔުމާއި މަސައްކަތުގެ މާހައުލުގައި އޮތް ގުޅުމުގެ ސަބަބުންނެވެ.
ދެ ދިވެހި ޕައިލެޓުން ހައްޔަރުކޮށްގެން ސުވާލުކުރި ނަމަވެސް، އެ ދެ މީހުންގެ މައްޗަށް އެއްވެސް ރަސްމީ ދައުވާއެއް އުފުލާފައެއް ނުވެއެވެ. އަދި މި މައްސަލައިގައި ޔޫއޭއީގެ އިސް ވެރިންނާ ވާހަކަދައްކައިގެން ރާއްޖޭގެ އެމްބަސީން ވެސް ވަނީ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
ރިއެކްޝަންސް





