ރަސްގެތީމުގައި ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ބެލިބެލުމުން، އެމީހާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ރޭ ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ރަސްގެތީމު، ސޯސަންގެ، އުމުރުން 55 އަހަރުގެ އިބްރާހީމް ޔޫސުފުފުޅެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިބްރާހީމް ޔޫސުފުފުޅުގެ ޚަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން، ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ވަދެފައިވަނީ ރޭ 21:53 އެހައިކަންހާއިރު ކަމަށެވެ. ފުލުހުން އެ ގެއަށް ވަދެ ބެލިއިރު، އޭނާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އިބްރާހީމް ޔޫސުފުފުޅުގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





