އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ތިން ބޭފުޅަކު އައްޔަނު ކޮށްފި

އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ތިން ބޭފުޅަކު އައްޔަނު ކޮށްފި

7 hours ago - 07:44

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަނު ކުރައްވައިފިއެވެ.


މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް ވަނީ މިރޭ އެމްއެމްޓީވީއަށް ކަށަވަރުކޮށްދެއްވާފައެވެ. ތަރުޖަމާން ވިދާޅުވި ގޮތުގައި މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ކުރީގެ މިނިސްޓަރު ތޯރިގް އިބްރާހިމްގެ އިތުރުން ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސަޢީދެވެ.


މި ތިން ބޭފުޅުން މަގާމަށް އައްޔަނު ކުރައްވާފައިވަނީ ނިމިދިޔަ ހަފްތާގެ އެކި ދުވަސްތަކުގެ މަތިންނެވެ. އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނު ކުރެއްވި އާދަމް ޝަރީފް އުމަރަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައި ސިޓީސްތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ތޯރިގް އިބްރާހިމް ވަނީ މީގެ ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައެވެ.


މި ދެ ބޭފުޅުން މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ. އާދަމް ޝަރީފާއި ތޯރިގް ހިމެނިވަޑައިގަންނަވާހެން އެ ދުވަހު ޖުމްލަ 10 މިނިސްޓަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.


މީގެ އިތުރުން، އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނު ކުރެއްވި ފާތިމަތު ދިޔާނާ ސަޢީދަކީ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ދައުރުގައި ބަންޑާރަ ނާއިބުކަން ކުރެއްވި ބޭފުޅެކެވެ. އަދި އެކަމަނާއަކީ ސާކުގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތު ވަރުގަދަކުރުމުގެ ގޮތުން އިސް މަގާމުތަކަށް މި ތިން ބޭފުޅުން އައްޔަނު ކުރައްވާފައިވާއިރު، މިއީ ރާއްޖޭގެ ބައިނަލްއަޤުވާމީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow