ރާއްޖެއަށް ހޫނުގަދަވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ހޫނުމިން ވަރަށް ބޮޑަށް މަތިވަމުންދާތީ، ސިއްހީ ގޮތުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެ އޭޖެންސީން އާންމުކޮށްފައިވާ އިރުޝާދުތަކުގައި، ހޫނުގަދަ ދުވަސްތަކުގައި އާންމު ދިރިއުޅުމުގެ އާދަތައް ބަހައްޓަންވީ ގޮތުގެ މުހިންމު މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ. ހާއްސަކޮށް އިރުގެ އަވިން ރައްކާތެރިވުމަށާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.
އެގޮތުން އިރުގެ ނުރައްކާތެރި ދޯދިތަކުން ސަލާމަތްވުމަށްޓަކައި، ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. ހާއްސަކޮށް ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދު އިރުގެ އަވީގައި އުޅޭ މިންވަރު މަދުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މިގަޑިތަކުގައި ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައިވެސް، ހިޔާވާނެ ފަދަ ތަންތަނުގައި މަޑުކުރުމަށާއި، ހަށިގަނޑަށް ފިނިވާނެ ފަދަ ލުއި، އަދި އާދައިގެ ކުލަތަކުގެ ހެދުން ލުމަށް ވަނީ ލަފާދީފައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑަށް އެކި ކަހަލަ ނޭދެވޭ އަސަރުތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން، ބޮލުގައި ރިއްސުމާއި އެނބުރުން އެރުން، ވަރުދެރަވުން.، ލޮލަށް ގެއްލުންވުން.، ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުމާއި ކުދި ރަތް ބިހި ނެގުން، ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވުން (މިއީ ހަށިގަނޑުން ފެން މަދުވެފައިވާކަމުގެ ނިޝާނެއް) މިފަދަ އަލާމާތްތައް ފާހަގަކުރެވޭނެއެވެ.
މިފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ހިޔާ ތަނަކަށް ގޮސް، ގިނައިން ފެން ބުއިމަށާއި، އަދި ހާލަތު ގޯސްވާނަމަ ސިއްހީ އެހީތެރިކަން އަވަހަށް ހޯދުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ.
މީގެ އިތުރުން، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ކަރުނުހިއްކި ނަމަވެސް ގިނަގިނައިން ފެން ބުއިމަކީ މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް ހަކުރު އެކުލެވޭ ބުއިންތަކާއި ކެފެއިން ހިމެނޭ ބުއިންތައް ބޭނުންކުރުން މަދުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ބޭރަށް ނިކުންނައިރު ކުޑަ، ތޮފި އަދި އަވިއައިނު ބޭނުންކުރުމަށާއި، އެސްޕީއެފް 15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަނެއް ބޭނުންކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ހޫނުމިން މަތިވަމުންދާ މިދުވަސްވަރު، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، އަދި ދިގު މުއްދަތަކަށް ބޭސްފަރުވާކުރާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އެޗްޕީއޭއިން ބުނީ އެމީހުންނަކީ ހޫނުގެ އަސަރު އެންމެ އަވަހަށް ކުރާނެ ފަރާތްތައް ކަމަށްވާތީ، އެ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިސްކަމެއް ދޭންޖެހޭނެކަމަށެވެ.
ރިއެކްޝަންސް





