
ރައީސް މަސައްކަތްކުރައްވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވަން- މިނިސްޓަރ އާދަމް ޝަރީފް
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރެއްވީ ލޯކަލް ކައުންސިލްތަކާ ގުޅޭ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތައް މިއަދު ފާސްކޮށްފައި ވަނިކޮށެވެ. އަދި އެއިސްލާހޖުތަކާ ދެކޮޅަށް 50 އަށްވުރެ ގިނަ ކައުންސިލުން ބަޔާން ނެރެ, އެއިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ގެއްލޭ ކަމަށް ބުނެފައި ވަނިކޮށެވެ.
ވަޒީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ހަޤީޤީ މާނައިގަ މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅުއްވާގޮތަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫޢުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ އޭގެ ހެއްކެއްކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެކަންކަމަކީ ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްޕުޅުތައް. ކަމަށެވެ.
"މީގެއިތުރުން، ވީރާނާ ވެފައިހުރި 105 ކައުންސިލް އިދާރާ، އިމާރާތްކޮށްދެއްވުމަކީ ސީދާ ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުންދާ ކަންކަން." ވަޒީރު ވިދާޅުވިއެވެ.
ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއްކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ރިއެކްޝަންސް






