އުޒްބެކިސްތާނުގެ ސްކޮލަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
އުޒްބެކިސްތާން ސަރުކާރުން ދޭ "އިސްލާމިކް ވޯލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން" (އައިސީއީއެސްސީއޯ) ގެ ސްކޮލަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ސްކޮލަރޝިޕްގެ ދަށުން ރާއްޖެއަށް ފަސް ފުރުޞަތު ލިބިފައިވާ ކަމަށެވެ. އަދި މި ސްކޮލަރޝިޕްތަކުގެ އެންމެހައި ޚަރަދުތައް ހަމަޖައްސައިދޭނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
- ޓަޝްކެންޓް ސްޓޭޓް މެޑިކަލް ޔުނިވަރސިޓީގައި ބެޗްލަރސް އޮފް ޖެނެރަލް މެޑިސިން.
- ސެންޓަރަލް އޭޝިއަން ގްރީން ޔުނިވަރސިޓީގައި ބެޗެލަރސް އޮފް އެންވަޔަރަމެންޓަލް އެންޑް ސަސްޓެއިނަބަލް މެނޭޖްމެންޓް، އެންވަޔަރަމެންޓް އެންޑް އިކޮނޮމިކްސް، އަދި އިކޮލޮޖީ އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަން.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށް ގެންދާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ ތަފުސީލު އައިސީއީއެސްސީއޯގެ ވެބްސައިޓުންނާއި މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ޕޯޓަލްއިން ލިބެން ހުންނާނެއެވެ.
މި ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 15 މެއި 2026 ވާ ހުކުރު ދުވަހުގެ ކުރިން، އައިސީއީއެސްސީއޯގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ.
މި ފުރުޞަތަކީ ދިވެހި ދަރިވަރުންނަށް ބޭރު ގައުމުތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބިގެންދިޔަ މުހިންމު ފުރުޞަތެކެވެ.
ރިއެކްޝަންސް





