ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބުކުރި ސިނާން ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭއްވި ޕީއެންސީ ޕްރައިމަރީ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރި މުހައްމަދު ސިނާން، އެ އިންތިޚާބުގައި ވާދަނުކުރުމަށް ނިންމައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވީ އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދެވެ. އެ އިންތިޚާބު ސިނާން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. ނަމަވެސް، ކުއްލި ގޮތަކަށް އިންތިޚާބުން ވަކިވާން ނިންމިކަން ސިނާން ވަނީ މީސްމީޑިއާ މެދުވެރިކޮށް އާންމުކޮށްފައެވެ.
https://www.facebook.com/share/p/1CieRTsiQz/?mibextid=wwXIfr
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ، ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އޭނާއަށް ތާއީދުކޮށް ވޯޓްދެއްވި މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޕްރައިމަރީ އިންސާފުވެރިކަމާއެކު ނިމިގެންގޮސް، އޭނާގެ ކާމިޔާބަށް ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕާޓީގެ ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށްޓަކައި ވެސް ޝުކުރު އަދާކުރެއްވިއެވެ.
އިންތިޚާބުން ވަކިވާން ނިންމި ސަބަބާ ގުޅޭގޮތުން ސިނާން ވިދާޅުވީ، މިދިޔަ ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެ މަޝްވަރާތަކަށްފަހު، މި ގޮނޑި ޕާޓީއަށް ކާމިޔާބުވުމުގެ ފުރުސަތު އެންމެ ބޮޑީ އޭނާ ފަހަތަށް ޖެހި، އައު ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމެވީ ކަމަށެވެ.
"މިގޮތަށް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އަޅުގަނޑުގެ ފުރިހަމަ ބައިވެރިވުމާއި އަޅުގަނޑުގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަންވެސް އަރުވަން،" ސިނާން ވިދާޅުވިއެވެ.
ސިނާން އިތުރަށް ވިދާޅުވީ، މި ނިންމުން މިހާރު ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް ދަންނަވާފައިވާ ކަމަށާއި، ޕާޓީން އެ ނިންމުމަށް އިޙްތިރާމާއެކު ބަލައިގެންފައިވާ ކަމަށެވެ. އަދި ޕާޓީން ކެނޑިޑޭޓަކު ދެއްކިހާ އަވަހަކަށް، އެ ކެނޑިޑޭޓަކާއެކު ރައްޔިތުންގެ ގާތަށް ނުކުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން މި ބާއްވަނީ އެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. ސިނާންގެ މި ނިންމުމާއެކު، ޕީއެންސީގެ ފަރާތުން މި ދާއިރާއަށް ދެން ނުކުންނާނެ ކެނޑިޑޭޓަކު ކުރިއަށް އޮތް ތަނުގައި އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް

