ވިސާއާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

ވިސާއާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

2 hours ago - 13:25
Advertisement
Advertisement

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް މިއަދުން ފެށިގެން ރަސްމީކޮށް ހަމަޖެހިއްޖެ އެވެ.


މި ލުއިތައް ދިވެހިންނަށް ލިބިގެންދިޔައީ ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފެށުމާއެކު، ދިވެހި ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ކުރިން ވިސާ ހޯދުމަކާ ނުލައި އެ ގައުމަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.


މީގެކުރިން 2024 ވަނަ އަހަރު، ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ވަނީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ވިސާ އާނުލައި ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް މިއަދު އަމަލުކުރަން ފެށި އާ އުސޫލުގެ ދަށުން އާންމު ޕާސްޕޯޓު ގެންގުޅޭ ދިވެހިންނަށް ވެސް މި ލުއިތައް ލިބިގެންދާނެ އެވެ.


އަޒަރުބައިޖާން ސަރުކާރުން މި ލުއިތައް ދިން ނަމަވެސް، ބައެއް ހާއްސަ ހާލަތްތަކުގައި ކުރިން ވިސާ ހޯދަން ޖެހެ އެވެ. އެގޮތުން އެ ގައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި، ތައުލީމު އުނގެނުމުގެ އިތުރުން ވިޔަފާރި ކުރުމަށް ގަސްދުކުރާ ފަރާތްތަކުން، ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ވިސާ ހޯދަންޖެހޭނެ ކަމަށް އެ ގައުމުން ބުނެ އެވެ.


ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއިން ބަލާއިރު، މިހާރުވެސް އަޒަރުބައިޖާން އެއާލައިނުގެ ސީދާ ދަތުރުތައް ރާއްޖެއަށް ކުރަމުންދެ އެވެ. އެ އެއާލައިނުން ދަތުރުތައް ކުރަނީ އަޒަރުބައިޖާނުގެ ވެރިރަށް ބަކޫއިން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ވިސާނެތި ދިވެހިންނަށް ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް އިތުރު ގައުމުތައް އިތުރުވަމުން ދިއުމަކީ ދިވެހި ޕާސްޕޯޓުގެ ވަރުގަދަކަން ދުނިޔޭގެ ފެންވަރުގައި އިތުރުވެ، ދިވެހި ރައްޔިތުންނަށް ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement