ގަސްތައް ނުކަނޑައި ފްލެޓް ޓަވަރު އެހެން ސަރަޙައްދަކަށް

ގަސްތައް ނުކަނޑައި ފްލެޓް ޓަވަރު އެހެން ސަރަޙައްދަކަށް

18 hours ago - 20:36
Advertisement
Advertisement

ވިލިމާލޭގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ 300 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން، އެއް ޓަވަރު އެޅުމަށް ކުރިން ކަނޑައެޅި ސަރަހައްދުގައި ހުރި ގަސްތައް ނަގަންޖެހޭތީ، އެ ޓަވަރު އެހެން ސަރަހައްދެއްގައި އެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ.


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި އިމާރާތް ކުރާ މި މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ ނިމިދިޔަ މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން 17 ފަންގިފިލާގެ ތިން ޓަވަރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.


ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަޙައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތުމުގެ ސަބަބުން އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލަތެއްގައި ކަމަށެވެ. އެހެންކަމުން އެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.


ވަޒީރު އިތުރަށް ވިދާޅުވީ، މާލެ ސަރަޙައްދުގައި ހިއްކާފައިވާ ގިނަ ބިންތަކަކީ ރައްޔިތުންނަށް ގޯތީގެ ގޮތުގައި ދޫކޮށްފައިވާ ބިންތަކަށް ވުމާއެކު، ފުލެޓު އެޅުމަށް ބޭނުންވާ ބިން ލިބުމަކީ މި މަޝްރޫޢުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ނަމަވެސް، ވިލިމާލޭގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އިސްކަންދެނީ އެ ރަށުގައި ހުރި ބޮޑެތި ފުނަގަސްތައް ނުކަނޑައި މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


މިގޮތުން، ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކުރިން ނިންމި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި ބައެއް ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.


ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ވިލިމާލޭގެ އާބާދީއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ މަސައްކަތެކެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތް ކުރާ މި ޔުނިޓުތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ.


މި މަޝްރޫޢަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ" (އައިއެންއޭއެޗް) ގެ މަޤުސަދުތައް ޙާސިލްކުރުމަށް ބީއެމްއެލްއިން އުފައްދާފައިވާ ސަބްސިޑިއަރީ ކުންފުނި، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ" އިން ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ. މި ކުންފުނިން ޖުމުލަ 3,260 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ވިލިމާލޭގެ 300 ޔުނިޓުގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި 2 ގައި ތަރައްޤީ ކުރާ 2,700 ޔުނިޓު ހިމެނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement