އިންފްލުއެންޒާ އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މުހިންމު: އެ.ޗް.ޕީ.އޭ
އިންފްލުއެންޒާ އަދި ކޮވިޑް-19 ރައްކާތެރިވުމަށް ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ރާއްޖޭގައި އިންފްލުއެންޒާގެ އެކި ވައްތަރުތައް ފެތުރުން އިތުރުވެ، ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ސަރަހައްދީ ގައުމުތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި ސްކޫލް ބަންދާއި ދިމާކޮށް ދަތުރު ފަތުރު ކުރުން އިތުރުވާމާއި ގުޅިގެން މިދުވަސްވަރު އިންފްލުއެންޒާ ރާއްޖޭގައި ވެސް ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
އިންފްލުއެންޒާ އަކީ އާއްމުކޮށް ފެތުރޭ، ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއްކަން ފާހަގަކޮށް، އެޗްޕީއޭއިން ވިދާޅުވީ ބައެއް ދުވަސްވަރުތަކާ ދިމާކޮށް ބަލި ފެތުރޭ މިންވަރު އިތުރުވާ ކަމަށެވެ.
އަދި އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި އެޗް3އެން2 އާއި އެޗް1އެން1 އަދި އިންފްލުއެންޒާ ބީ އާންމުކޮށް ފެންނަ ކަމަށެވެ.
"އިންފްލުއެންޒާ އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުން. ހާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ،" އެޗްޕީއޭއިން ވިދާޅުވިއެވެ.
އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ކަރުގައި ރިއްސުމާއި ކެއްސުމާއި ނޭފަތުން ފެންއައުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ހުން އައުމާއި ބޭރަށް ހިންގުން ހިމެނެއެވެ. ހުން އައިސް، ރޯގާޖެހި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
އިންފުލުއެންޒާ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެއްކަމުން، މިދުވަސްވަރު ޢާއްމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ބަލި މީހުންނާއި ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
އަދި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ސާފްތާހިރުކަމަށް އިސްކަންދިނުން މުހިންމުކަމުގައެވެ.
ރިއެކްޝަންސް