
ރިޕޯޓަރެއްގެ ނޯޓްފޮތުން: ޣައްޒާގެ އަލް -ރާޝިދު މަގުގައި އަަހަރެން (ފުރަތަމަ ބައި)
ހައިހޫނުކަމުގައި އަންހެނުންނާއި ފިރިހެނުން އާއިލާއަށް ކާނާ ހޯދުމަށް މަރަށް ފުރާނައަށް ޓްރަކްތަކުގެ ފަހަތުން ދުވަނީ
ޣައްޒާ ސިޓީ - ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ލިބިގަތުމަށް އެހީ ބަހާތަންތަނަށް އެއްވެ އުޅޭ އުޅުން އަހަރެންގެ ހަމަލޮލުން ފެނުނީ ދާދި ފަހުންނެވެ.
އަަހަރެން އެފަދައިން މީހުން އެއްވެފައި އޮށްވާ ދިއެރް-އެލް ބަލަހް އިން ނުދެކެމެވެ. އެކަމަކު އުތުރު ޣައްޒާގައި ތިބި އާއިލާއަށް ޒިޔާރަތް ކުރުމަށް އައްސޭރިފަށުގެ އަލް-ރާޝިދު މަގުން ދިޔަ ދަތުރެއްގައި އަހަންނަށް ފެނުނީ ބަޔާންކުރަންދަތިވި މަންޒަރުތަކެކެވެ. ހާއްސަކޮށް މިހާރުކުރިއަށްދާ ހަމަލާތައް މެދުކަނޑާލުމާ ގުޅޭ މަޝްވަރާތަކުގައި މިކަމަށް ހައްލެއް ނުހޯދިއްޖެނަމަ ފެންނާނެ މަންޒަރު ސިފަކޮށްލެވުނެވެ.
ހަމާސްއިން ވަނީ އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަދަލެއް ގެނައުމަށް އެދިފައެވެ. އެއީ ޣައްޒާއަށް އެހީ ވަނުމުގެ ދޮރު ހުޅުވުމަށާއި މަރުގެ ދަންތުރަ ޖަހައިގެން އެހީ ލިބިގަތުމަށް ދާ ޣާއްޒާގެ ރައްޔިތުން މަރާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ހުއްޓާލުމެވެ.
އަލް-ރާޝިދު މަގުން.....
މާޗު މަހު އިޒްރާއިލްއިން އެއްބަސްވުން އުވާލާ އަލުން ހަމަލާތައް ފެށިފަހުން އުތުރަށް ދަތުރުކުރުމަކީ ހިރާހެކެވެ.
ނިދުމުގެ ކުރިން އުތުރަށް ކުރަން ރާވާ, ހެނދުނު ހޭލުމަށްފަހު އިޒްރާއިލްއިން ހިންގާފައިވާ ޖަރީމާތައް ބަލާ, އެދަތުރު ކެންސަލްކުރަން ޖެހުނު ކިތަންމެ ފަހަރެކެވެ. އެހެންގޮސް އެންމެ ފަހުން އާއިލާ ކައިރުއަށް ދިޔަތާ މިހާރު ތިން ހަފުތާ ވީއެވެ.
ތަންވަޅު ލިބުނު ދުވަހު ބައެއް ހެދުމާއި, ކޮންމެވެސް ވަރަަކަށް ކާބޯތަކެތި ހިފައިގެން އަހަރެމެން ނައްޓާލީ އަހަރެމެންގެ ލިޔެކިޔުންތައްވެސް ހިފައިގެންނެވެ. ޓޭންކަރުތަކުން މަގުތައް ބައްދާލާ އުތުރުގައި ތާށިވެދާނެކަމުގެ ބިރު އަބަދުވެސް އޮންނާތީއެވެ.
އިޒްރާއިލްގެ އޮޕަރޭޝަން 'ގިޑިއޮން ޝެރިއޮޓް' ކުރިއަށް ދާކަން އެނގިތިބެވެސް އަންނާއި އަހަރެންގެ ފިރިމީހާ ބިރު އެއްފަރާތްކޮށްލާފައި އަަހަރެމެންގެ އަނހެން ދަރިފުޅާއި މާމަ ދަރިފުޅު ދެކެލުމަށް އެދޭވަރުން މިދަތުރު ފެށީއެވެ.
ދަތުރު ފެށުމާއެކުވެސް ޣައްޒާގެ ދަތުރުފަތުރުގެ ނިޒާމް މިހާރު އޮތްގޮތް އިޙްސާސްކުރެވުނެވެ. އެއީ ކުރިން ކާރެއްގައި 20 މިނިޓުން ދެވޭ ދުރުމިނެވެ. މިހާރު އެއްކާރުން އަނެއްކާރުން ބައެއް ހިސާބުތަކުން ހިނގާފައި ކުރަންޖެހުނު ދަތުރެކެވެ.ޣައްޒާ ސިޓީއާ ހަމައަށް ދިއުމަށްވެސް ތިން ކާރަކަށް އަރަންޖެހުނެވެ. އަޒް-ޒަވައިދާއިން ދިއެރް-އެލް ބަލަހް އިން ނުސީރަތަށް ގޮން ދެން އަރަންޖަހުނީ ބާވެ ހަސްފަސް ނެތިފައި އޮތް ހިމާރުގާޑިޔަލަކަށެވެ. އެވެސް ބަޔަކާ އެކު ހިއްސާކުރާގޮޮތަށެވެ.
އެ އުޅަނދުތަކަށް މަޑުކުރުމުގައި ވެސް ގަޑިއިރަކަށްވުރެ ގިނައިރު ހޭދަކުރަން ޖެހުނެވެ. ހަލާކުވެފައިވާ އިމާރާތްތަކުގެ ގާތަކުގެ ތެރެއިން ކުރި އެ ދަތުރަށްވެސް ގަޑިއެއްހާއިރު ހޭދަވިއެވެ.
އެހީ ލިބިގަތުމަށް ގޮސް ތިބި މީހުން...
އެންމެ ފަހުން އަހަރެން އުތުރަށް ކުރި ދަތުރުގައިވެސް "އެހީ ލިބިގަތުމަށް" ގޮސް ތިބި މީހުންނާ އަހަންނާ ބައްދަލުވިއެވެ. އެ ހިތްދަތި ލޭބަލް ދުނިޔޭގެ ހަބަރުތަކުގެ ސުރުހީތަކުން ޖާގަ ހޯދާފައިވާތާ ހިތަންމެ ދުވަހެކެވެ. މަންޒަރުތައްވެސް ފެނެއެވެ. ނަމަވެސް ހަމަ ލޮލަށް އެމީހުންގެ އެދަތުރު, އެމަންޒަރުތައް ފެނުން ފުރަތަމަ ފަހަރު އަހަރެންގެ ސިކުނޑީގައި އެމަންޒަރުތައް ކުރެހި ގޮތާ ހާސްބައި ތަފާތުކަން ފެނުނެވެ. އެއި މުޅިން އެހެން ދުނިޔެއެއްފަދައެވެ.
އުތުރާއި ޣައްޒާ ސިޓީ ވަކިކުރުމަށް އިޒްރާއިލް ސިފައިން ގާއިމްކޮށްފައިވާ ނެޓްޒަރިމް ކޮރިޑޯއާއި 7 ކިލޯމީޓަރު ދުރުން އަލަށް ހަދާފައިވާ ޝާރީ އަލް-ޖަދީދް މަގުގެ ހުޅަނގުގައި މަގުގެ ދެފަރާތުގައި ވެލިގަނޑުގެ އަޑިވެފައި ހުންނަތަންތަނުގައި އެއްވެފައިތިބި އެތައްސަތޭކަ ބަޔަކު އަހަރެން ދެކުނީމެވެ.
އެެއީ މިގެ ކުރިން ފަޅު ބިންތަކެވެ. ނަމަވެސް މިއަދު މުޅި ސަރަހައްދު ފުރާލާފައި އެވަނީ އިންތިހާ ހައިހޫނު ކަމުގައި ކާބޯތަކެތީގެ ކޮންމެވެސް މިންވަރެއް ލިބޭތޯ އިންތިޒާރުކުރަމުންދާ ޣައްޒާގެ ރަައްޔިތުންނެވެ. އެހީ ހިފައިގެން އަންނަ ޓްރަކްތަކުން އެމީހަކަށް ލިބުނު އެއްޗެއް ލިބިގަތުމަށް އެއްވާ ހިތްދަތި އެހެނަސް މަޖުބޫރު އިންސާނާއަށް އެހެން ގޮތެއް ނެތް ވަގުތުކޮޅު ޖެހެނީއެވެ.
އެ މަންޒަތުތައް އަހަރެން މަޑުމަޑުން ރެކޯޑްކުރަން ފެށީމެވެ.......(ނުނިމޭ
(މިއީ އަލްޖަޒީރާގެ ނޫސްވެރިޔާ މަރަމް ހުމައިދު ޣައްޒާއިން ދުށް މަންޒަރުތަކާ ގުޅޭ ގޮތުން ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.
ރިއެކްޝަންސް






