ލިޔުންތެރިންގެ ދީނީ ޤައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެއްޖެ- ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

ލިޔުންތެރިންގެ ދީނީ ޤައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެއްޖެ- ރައީސުލްޖުމްހޫރިއްޔާ

ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭ

6 hours ago - 10:16
Jul 8, 2025 - 10:16
Advertisement
Advertisement

ލިޔުންތެރީންގެ ދީނީ ޤައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދުގެ ދިވެހިރާއްޖެއަށް ބަލާއިރު، ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެއްޖެ ކަމަށެވެ. ލިޔުންތެރީންގެ މުހިއްމުކަން ފާހަގަކުރައްވާ ވިދާޅުވީ ދީނީގޮތުން ބަލާއިރު، ދިވެހީންގެ ޢަޤީދާއާއި އަދަބު އަޚްލާޤު ހަރުދަނާކުރުމުގައި ލިޔުންތެރީންގެ އެހީތެރިކަން މި ޤައުމަށް ބޭނުންވާ ކަމަށއެވެ. އިޖުތިމާޢީ ގޮތުން ބަލާއިރު، ދޭދޭ ގުޅުންތަކާއި، މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމުގައި ލިޔުންތެރީންގެ އަމާނާތްތެރިކަން ބޭނުންވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިޤުތިޞާދީ ދާއިރާއަށް ބަލާއިރު، އާ ފުރުޞަތުތައް ތަޢާރަފުކުރުމާއި، ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަށް ލޯ ހުޅުވައި ދިނުމުގައި ލިޔުންތެރީންގެ ލިޔުންތައް މުހިންމުވާކަމަށް ވިދާޅުވިއެވެ. ސިޔާސީ ގޮތުން ބަލާއިރުވެސް ލިޔުންތެރީންގެ ދައުރު މުހިއްމުކަން ފާހަގަކުރައްވާ ވިދާޅުވީ މި ޒަމާނުގައި ވެރިކަމަށް އަންނަނީ ލިޔެވޭ މެނިފެސްޓޯއެއްގެ އެހީގައި ކަމަށެވެ.

" އެ މެނިފެސްޓޯ އެކުލަވައިލުމާއި، ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމާއި، ޤައުމީ އެކިއެކި މައްސަލަތަކާއި ޙާލަތްތައް ހެޔޮގޮތުގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ވިސްނައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެވޭނީ ލިޔުންތެރީންނަށެވެ. ހަމަ އެހެންމެ، ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ ޤައުމާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ހުރިހައި މާނައެއްގައި މަޞްލަޙަތު ހިފެހެއްޓުމުގެ ޤައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރީންނަށެވެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލިޔުންތެރީންގެ ދައުރެއް ނެތް، އެއްވެސް ދާއިރާއެއް ޤައުމެއްގެ ނިސްބަތުގައި ނޯންނަ ކަމަށެވެ. އެހެންކަމުން ލިޔުންތެރީންނަކީ އަމިއްލަ ދީނާއި، އަމިއްލަ ޤައުމާއި، އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ލިޔުންތެރިކަމަކީ އަމާނާތެއް ކަމަށާއި, ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭ ކަމަށެވެ. ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement