
ގޯތި އެއްބަސްވުމުގެ މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގައިން
ބަލައިގަންނަން ވޯޓް ދިނީ 12 މެމްބަރުން
ގުޅިފަޅުން ދޫކުރި ގޯތިތަކުގެ އެއްބަސްވުންތަކަށް ބަދަލުގެނެސް ސޮއިކުރުވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ, ބޭރުކޮށްލައިފިއެވެ. މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މިއީ ގުޅިފަޅު ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ގޯތިލިބޭ ތަން ބަދަލުވުމުން އަލުން ހަދައިދޭ ރަޖިސްޓްރީއާއެކު ސޮއިކުރާ އެއްބަސްވުމަށް ބޮޑު ބަދަލެއް ގެނެސްފައިވާތީ ހުށަހެޅި ކުއްލި މައްސަލައެކެވެ. ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ގުޅިފަޅު އެސޯސިއޭޝަނުން އެއްބަސްވުމާމެދު ކަންބޮޑުވުން ފާޅުކޮށް, އެއެއްބަސްވުމުގައި ސޮއިނުކުރަން ގޯތި ލިބުނު ފަރާތްތަކަށް ގޮވާލާފައި ވަނިކޮށެވެ.
އެއްބަސްވުމަށް ގެނައި ބޮޑު ބަދަލަކީ މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަހައްދަކުންވެސް 600 އަކަފޫޓަށްވުރެ ބޮޑު, ބިމެއް ނުވަތަ ގޯއްޗެއް އަދި ގޯއްވެއްގެ ބައެއްވެސް ލިބިފައިވާނަމަ އެތަނެއް ދޫކޮށްލުމެވެ. މިދިޔަ ސަރުކާރުން ސޮއިކުރި އެއްބަސްވުމުގައި އޮންނަނީ އެފަދަ ބިމެއް ނުވަތަ ގޯއްޗެއް މާލެ ސަރަހައްދުން ލިބިފައިވާނަމަ ދޫކޮށްލުމެވެ.
ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބު ވިދާޅުވީ އެބަދަލު އެއްބަސްވުމަށް ގެނައީ ކުރީ ސަރުކާރުން ހެދި އެއްބަސްވުން ޤާނޫނާ ފުށިއަރާތީ ކަމަށެވެ. ނަމަވެސް ގުޅިފަޅު އެސޯސިއޭޝަނުން ބުނަނީ އެއްބަސްވުމުގައި ބަދަލު އަންނަން ޖެހޭނީ ހަމައެކަނި ގޯތި ލިބޭ ތަނަށް ކަމަށެވެ. އެއްބަސްވުން ބަދަލުކުރަނީ ގޯތި ލިބޭ ތަން ބަދަލުވާތީކަން އެއެސޯސިއޭޝަނުން ފާހަގަކުރެއެވެ.
މިކަންބޮޑުވުންތައް ފާހަގަކޮށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ވޯޓް ދިނީ އެންމެ 12 މެމްބަރުންނެވެ. ދެކޮޅަށް ޕީއެންސީގެ 34 މެމްބަރުން ވޯޓް ދިނެވެ.
ރިއެކްޝަންސް






