ސައުދީ ފަންޑުގެ ސީއީއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓްރީ އޮފް ފިނޭންސް އަދި ޕަބްލިކް އެންޓަޕްރައިސަސްގެ އިސް އޮފިޝަލުންނެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކަށް ސައުދީ ފަންޑުން ދެމުންގެންދާ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޤްޞަދުގައި ކުރައްވާ ދަތުރުފުޅެކެވެ.
ސައުދީ ފަންޑަކީ 1974 ވަނަ އަހަރު ޝާހީ ޤަރާރަކުން އުފައްދައި، 1975 ވަނަ އަހަރު ޚިދުމަތް ދޭން ފެށި މިނިވަން މާލީ މުއައްސަސާއެކެވެ. ފަންޑުގެ މަސައްކަތްތައް 10 ބިލިއަން ސައުދީ ރިޔާލްގެ ރައުސްމާލަކާއެކު ފެށި ނަމަވެސް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ބޭނުންތައް އިތުރުވަމުން ދިއުމާ ގުޅިގެން މިހާރު ފަންޑުގެ ރައުސްމާލު ވަނީ 31 ބިލިއަން ސައުދީ ރިޔާލަށް އިތުރުކޮށްފައެވެ. މި ފަންޑުގެ ދަށުން ދުނިޔޭގެ 71 ޤައުމެއްގައި 3750 އަށް ވުރެ ގިނަ ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އޭގެ ތެރޭގައި އެފްރިކާގެ 41 ޤައުމަކާއި، އޭޝިއާގެ 25 ޤައުމެއްގެ އިތުރުން އެހެނިހެން ސަރަޙައްދުތަކުގެ ޤައުމުތައް ހިމެނެއެވެ.
ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ ވަރަށް ލުއި ޝަރުޠުތަކެއްގެ ދަށުންނެވެ. އޭގެ ތެރޭގައި އެއްވެސް ޝަރުޠަކާ ނުލައި ފައިސާ ދޫކުރުމާއި، އަވަސްކަމާއެކު ފައިސާ ހަމަޖައްސައިދިނުން ހިމެނެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 50 އަހަރާ ހަމައަށް މުއްދަތު ދިނުމާއި، 10 އަހަރުގެ ގްރޭސް ޕީރިއަޑެއް ދިނުމުގެ އިތުރުން، ލޯނުގެ އިންޓްރެސްޓް ނުވަތަ ޚަރަދު އާންމުކޮށް އުޅެނީ އެންމެ 1 އިންސައްތައިގައެވެ. މީގެއިތުރުން، މި ލޯނުތަކުގެ 60 އިންސައްތައާ ހަމައަށް ހިލޭ އެހީގެ ގޮތުގައި ކަނޑައެޅިގެންދެއެވެ. ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން، 1999 ވަނަ އަހަރުން ފެށިގެން ސައުދީ ފަންޑުން އަންނަނީ ކްރޫޑް އޮއިލް ނޫން އެހެނިހެން މުދާ އެކްސްޕޯޓް ކުރުމަށް އެކްސްޕޯޓް ކްރެޑިޓާއި އިންޝުއަރެންސްގެ ޚިދުމަތްތައްވެސް ފޯރުކޮށްދެމުންނެވެ.
ސައުދީ ފަންޑަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން 1978 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ފަންޑުން ވަނީ ރާއްޖޭގެ އެކި މަޝްރޫޢުތަކަށް 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް މަޝްރޫޢާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން ޞިއްޙީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުހިންމު ގިނަ ކަންކަން ހިމެނެއެވެ.
ރިއެކްޝަންސް





