ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ދެކުނު އެފްރިކާއަށް ފުރައިފި
69 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް (ސީ.ޕީ.ސީ) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މަތީ ފަންތީގެ ވަފުދެއް ދެކުނު އެފްރިކާއަށް ފުރާވަޑައިގެންފިއެވެ.
ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހާއި ސީ.ޕީ.އޭ ސައުތު އެފްރިކާ ބްރާންޗު ގުޅިގެން އިންތިޒާމުކުރާ މި ކޮންފަރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ދެކުނު އެފްރިކާގެ ކޭޕް ޓައުންގައެވެ.
މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގައި ހިމެނެނީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް، ދިއްގަރު ދާއިރާގެ މެންބަރު އަދި ސީ.ޕީ.އޭ އޭޝިއާ ރީޖަނަލް ރެޕްރެޒެންޓެޓިވް އަހުމަދު ނާޒިމް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒާ ފާތިމަތު ނިޔުޝާ، އަދި މަޖިލީހުގެ އިދާރާގެ ސީނިއާ ފޮރިން ރިލޭޝަންސް އޮފިސަރު އާއިޝަތު އީމާންއެވެ.
މި ކޮންފަރެންސާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މިއީ ޕާލިމެންޓަރީ ޑިމޮކްރަސީ ހިންގުމުގެ ނިޒާމާއި، ބައިނަލްއަގްވާމީ ގާނޫނުތަކުގެ އިތުރުން ދެފަރާތުގެ މަސްލަހަތު ހިމެނޭ އެހެނިހެން މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ކޮމަންވެލްތުގެ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނާއި އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
ރިއެކްޝަންސް

