އިޖްތިމާޢީ މިންގަނޑާ ޚިލާފަށް ސިޔާސީ ޙަރަކާތް ނުހިންގުމަށް އެމްޑީޕީއަށާއި ޕީއެންއެފްއަށް އަންގައިފި
އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފަށް އަދި އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސިޔާސީ ހަރަކާތްތައް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ދެ ސިޔާސީ ޕާޓީއަކަށް އަންގައިފިއެވެ.
މިގޮތަށް އިލްތިމާސްކޮށް އިލެކްޝަންސް ކޮމިޝަނުން ސިޓީ ފޮނުވާފައިވަނީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އެމްޑީޕީ އާއި ޕީއެންއެފް އިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ޤާނޫނުތަކާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެދި އެ ދެ ޕާޓީއަށް ވަނީ ސިޓީ ފޮނުވާފައެވެ.
އެ ކޮމިޝަނުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ޙަރަކާތްތައް ހިންގަންވާނީ 'ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު' ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި މިދުވަސްވަރު ބާއްވާ އެއްވުންތަކުގައި ޤާނޫނާއި ޤަވާއިދަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ސިޔާސީ ސުލޫކީ މިންގަނޑާ ޚިލާފަށް ޕާޓީތަކުގެ ވެރިންނާއި، މެންބަރުންނާއި، ޕާޓީތަކަށް މަސައްކަތް ކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑު ނުކިޔުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ފަދަ، ޙަޤީޤަތާ ޚިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށާއި، ޤާނޫނުން ހުއްދަ ކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ އެއްވުންތައް ނުބޭއްވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ވިދާޅުވީ، ޤާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް އަބަދުވެސް މަރުޚަބާ ކިޔާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ހިންގާ ބައެއް ޙަރަކާތްތަކަކީ އިޖްތިމާޢީ މިންގަނޑާ ޚިލާފު ކަންތައްތަކެއް ކަމަށް ބުނެ، ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރިއެކްޝަންސް

