މީޑިއާތަކުގެ ދަފްތަރު އަދާހަމަކުރުމަށް 6 މަސްދުވަހުގެ މުހުލަތެއް މީޑިއާ ކޮމިޝަނުން ދީފި
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ މީޑިއާތަކަކުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ދަފްތަރުގައި ހުރި މައުލޫމާތުތައް އަދާހަމަކުރުމަށް 6 މަސްދުވަހުގެ މުހުލަތެއް އެ ކޮމިޝަނުން މިއަދު ދީފިއެވެ.
މި މުހުލަތު ދީފައިވަނީ "ދިވެހިރާއްޖޭގައި ނޫސްމަޖައްލާ ރަޖިސްޓްރީކުރުމުގެ ޤަވާއިދު" މީޑިއާ ކޮމިޝަނުން އެކުލަވާލައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާ ގުޅިގެންނެވެ. މީގެ ކުރިން ނޫސްމަޖައްލާތައް ރަޖިސްޓްރީ ކުރަމުން އައީ އެއިރެއްގައި އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުން ކަމަށްވީ ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނުގެ ދަށުން މިހާރު އެ ޒިންމާ އޮންނަނީ އެ ކޮމިޝަނަށެވެ.
އަލަށް އެކުލަވާލި ޤަވާއިދުގައި ނޫސްމަޖައްލާތައް 4 ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސް، މަޖައްލާ، ނިއުސްލެޓަރ އަދި ޖާނަލް އެވެ. މި ތަންތަން ހިންގިދާނެ މަންސަތަކުގެ ތެރޭގައި ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ ހިމެނެއެވެ.
ޤަވާއިދުގެ މުހިންމު ބައިތައް:
- ރަޖިސްޓްރީކުރުން: ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސްމަޖައްލާ ރަޖިސްޓްރީ ކުރެވޭނެއެވެ. ނަމަވެސް، ވަކި މުއައްސަސާއެއްގެ މުވައްޒަފުންނަށް ޚާއްޞަ ލިޔުންތައް މީގެއިން އިސްތިސްނާވެއެވެ.
- މުއްދަތު: ނޫސްމަޖައްލާ ރަޖިސްޓްރީ ކޮށްދެނީ 5 އަހަރުގެ މުއްދަތަށެވެ. ރަޖިސްޓްރީ އައު ކުރަން ހުށަހަޅަންވާނީ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިންނެވެ.
- އެޑިޓަރާއި މަސްއޫލުވެރިޔާ: ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ކަނޑައެޅިފައިވާ ޝަރުތު ހަމަވާ އެޑިޓަރަކާއި މަސްއޫލުވެރިއަކު ހުންނަންޖެހެއެވެ.
- ފީ ނެގުން: ކިޔުންތެރިންގެ އަތުން އެއްވެސް ފީއެއް ނަގާނަމަ، އެކަމަށް ކޮމިޝަނުން ހުއްދަ ހޯދަންޖެހެއެވެ.
- އަހަރީ ރިޕޯޓު: ކޮންމެ އަހަރެއްގެ ޖޫން މަހުގެ ކުރިން ނޫސް ހިންގި ގޮތުގެ އަހަރީ ރިޕޯޓެއް ހުށަހަޅަންޖެހެއެވެ. ރިޕޯޓު ހުށަނާޅާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެއެވެ.
މީޑިއާ ކޮމިޝަނުން ވިދާޅުވި ގޮތުގައި، ގެޒެޓްކުރި ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ރިކޯޑު އަދާހަމަ ނުކުރާ ނޫސްމަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުވާނެއެވެ. އަދި ނޫސްމަޖައްލާ ޝާއިއުކުރުން ހުއްޓާލާތާ 12 މަސްވެއްޖެނަމަވެސް ރަޖިސްޓްރީ ބާތިލުވާނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި އައު އުސޫލުގެ މަގުސަދަކީ ރާއްޖޭގައި ނޫސްމަޖައްލާ ހިންގުމާއި ޚިދުމަތް ދިނުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުން ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
ރިއެކްޝަންސް





