ގޯއްޗާއި ފްލެޓަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފައިވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށް ބިމަށް އެދި ހުށަހެޅުމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ބުނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު މި ފުރުޞަތު ހުޅުވާލި ފަހުން މިހާތަނަށް ޖުމްލަ 5،000 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައި ކަމަށެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ތަފްޞީލުތަކަށް ބަލާއިރު، ގޯއްޗަށް އެދި މިހާތަނަށް 1,630 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އަދި ފްލެޓަށް އެދި 3,430 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރުމަށް ނިންމާފައިވަނީ 7,900 ފްލެޓާއި، 1,250 އަކަފޫޓުގެ ޖުމްލަ 15,000 ގޯއްޗެވެ. މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.
ރިއެކްޝަންސް









