އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

5 hours ago - 22:58
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް އިޢުލާންކުރައްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މިދިޔަ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ވަނީ ވޯޓު ނަގާފައެވެ. އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނެގީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. ފެންނަ ނުފެންނަ ވޯޓުގައި ވަނީ، ހުޅުދޫ މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ރައްޔިތުން ވޯޓު ދީފައެވެ.

އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވާފައިވަނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ، އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން، އައްޑޫ ސިޓީ އަލުން ކަނޑައަޅުއްވައި، އައްޑޫގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫ އާއި މީދޫ އަކީ، މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީއެވެ.

އެގޮތުން، އައްޑޫ ސިޓީ އާއި، ހުޅުދޫ އާއި، މީދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެންނެވި ބަދަލުތައް އެކަށައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މިއާއެކު، އެ ދާއިރާތަކުގެ އިޚްތިޞާޞް ދައްކުވައިދޭ ޗާޓުތައް، އެ ޤަރާރުތަކުގެ ޖަދުވަލުގައި ވަނީ ހިމަނުއްވާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ މަސްއޫލިއްޔަތެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement