ހުޅުމާލެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އަދި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ، އޯކިޑްމާގެ، ޢަބްދުﷲ ޢަފީފް (40 އަހަރު) އާއި ތ. ތިމަރަފުށި، ލަކީހައުސް، ޞަފްވާން ޢަލީ (38 އަހަރު) އެވެ. މި ދެ މީހުން އަތުލައިގަތީ ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ހިންގާ ހާއްސަ ޕެޓްރޯލް ކުރުމުގެ ތެރެއިން، އެ މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ނިރޮޅުމަގުން މި ދެ މީހުން ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ. މީގެ އިތުރުން، އެ މީހުންގެ އަތުން 30,500 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި، 190 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ޢަފީފަށް 7 ދުވަހުގެ މުއްދަތެއް އަދި ޞަފްވާން ޢަލީއަށް 15 ދުވަހުގެ މުއްދަތެއް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ރިއެކްޝަންސް









