
ރާއްޖެ-އިންޑިއާ ގުޅުން ބަދަހިކުރުމަށް އިންޑިއަން އޯޝަން ކޮންފަރެންސްގައި މަޝްވަރާކޮށްފި
ރާއްޖެ-އިންޑިއާ ގުޅުން ބަދަހިކުރުމަށް އިންޑިއަން އޯޝަން ކޮންފަރެންސްގައި މަޝްވަރާކޮށްފިއެވެ.
މި މަޝަވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބުދުﷲ ހަލީލު ބައްދަލުކުރައްވާ ކުރެއްވި މޝްވަރާ ތަކުގައެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިހާރު އޮމާނުގައި ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ތެރޭގައެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އާ ދާއިރާތަކާއި، އަދި މިހާރު ރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ އެހީގައި ކުރިއަށްގެންދެވޭ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އޮމާނުގައި މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގެ ދެވަނަ ޕްލެނަރީގައި މިނިސްޓަރު ހަލީލު ވަނީ ޕެނަލިސްޓެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ. ވަޒީރުގެ ތަޤުރީރުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން ކަށަވަރުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި އ.ދ. ގެ ސަލާމަތީ މަޖިލީހުގައި މި ޤައުމުތަކަށް ނޮން-ޕާމަނަންޓް ރޮޓޭޓިންގ ސީޓެއް ހަމަޖެއްސުމަށް ގޮވާލެއްވިއެވެ.
2016 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވާ މި ކޮންފަރެންސްގައި އިންޑިއާ ކަނޑުގެ ޤައުމުތަކުގެ އިސްވެރިންނާއި، އޮފިޝަލުންނާއި، އަދި ޕްރައިވެޓް ސެކްޓަރގެ ފަރާތްތައް ބައިވެރިވެއެވެ. މިއަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ "ވޮޔޭޖް ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަރޝިޕް" އެވެ.
ރިއެކްޝަންސް






