
އީސީ އާއި އޭސީސީގެ އިސް މަޤާމުތަކަށް އައްޔަންކުރަން ފޮނުއްވި ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ރައީސް، އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަޤާމުތަކަށް އައްޔަންކުރަން ހުށަހެޅުއްވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އެގޮތުން އީސީގެ ރައީސްކަމަށް ރުހުން ހޯދުމަށް ރައީސުލްޖުމުހޫރިއްޔާ ހުށަހެޅުއްވި މުޙައްމަދު ޒާހިދުއަށް ރުހުން ދިނުމަށް 68 މެންބަރުން ވޯޓްދެއްވި އިރު، ނުފެންނަކަމަށް އެއްވެސް މެންބަރެއް ވޯޓްދެއްވާފައެއް ނުވެއެވެ. އަދި މި ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަޤާމަށް ރުހުން ހޯދުމަށް ހުށަހެޅުއްވި އަބްދުއްރަޙްމާން ސޮލާޙު ރަޝީދަށް ރުހުން ދިނުމަށް ވޯޓްގައި ބައިވެރިވެ ވަޑައިގެންވި 69 މެންބަރުންގެ އިންތިފާގުން ވަނީ ފާސްކޮށްފައެވެ.
އޭސީސީގެ ނައިބު ރައީސްކަމުގެ މަޤާމަށް ރުހުން ހޯދުމަށް ރައީސުލްޖުމުހޫރިއްޔާ ހުށަހެޅުއްވި އަބްދުﷲ ނާޝިދަށް މިއަދުގެ ވޯޓްގައި ބައިވެރިވެ ވަޑައިގެންވި 69 މެންބަރުންގެ އިންތިފާގުން ވަނީ ރުހުންދީފައެވެ.
މި މަޤާމުތައް ހުސްވެފައިވަނީ އީސީގެ ދެ މެންބަރުންނަށް މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅިގެންނާއި، އޭސީސީގެ ދެ މެންބަރުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
މިއީ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނަށް ގެނެވުނު އިޞްލާޙަށްފަހު، މި މަޤާމުތަކަށް މީހުން އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.
ރިއެކްޝަންސް






