ރައީސަށް ސީދާ މަޝްވަރާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރައްވަނީ
ރާއްޖޭގެ އެކި ސިނާއަތްތަކުގެ ޚިޔާލާއި މަޝްވަރާ ސީދާ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު"ގެ ނަމުގައި ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވަން ފެއްޓެވި ސިލްސިލާގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނަކު ހުށަހެޅި ކަންބޮޑުވުންތަކާއި ޚިޔާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެ ޒުވާނާ ވަނީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަމާއި، އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގު ބޮޑުވުމުގެ ކަންބޮޑުވުން ރައީސާ ހިއްސާކޮށްފައެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސިޔާސަތުތަކާ ބެހޭގޮތުން އެ ދާއިރާގެ ބޭފުޅުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. "އަޅުގަނޑު މިހާރު މި އުޅެނީ އެކި ކަހަލަ ސެކްޓާތަކުގެ ބޭފުޅުންގެ މަޝްވަރާ ހުށަަހެޅޭނެ ކަހަަލަ ސިސްޓަމެއް ގާއިމްކުރަން. ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރެވޭނެ. އޭރުން ބިނާކުރަނިވި ޚިޔާލުތައް ހުށެހެޅޭނެ،" ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކަލްޗަރަލް ޓޫރިޒަމާއި މައިސް (MICE) ޓޫރިޒަމަކީ ކުރިއެރުވިދާނެ ދެ ބާވަތް ކަމަށެވެ. އަދި މަސައްކަތް ހުއްޓިފައި ހުރި ރިސޯޓްތައް ނިންމޭނެ ގޮތްތައް ވެސް ބަލަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަން ކުރިއަރާފައިނުވާ ސަރަހައްދުތަކަށް މި ސިނާއަތުގެ ފުރުސަތުތައް ފުޅާކުރުމެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރި ނަމަވެސް، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިހާރު ދަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރުމަށާއި، ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޝަންސް





