ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 100 އެއްހާ ރަށުގެ ކައުންސިލް އިދާރާ އައު ކުރަނީ
ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަދުވެގެން 100 ވަރަކަށް ރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތްތައް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ 6 ވަނަ އެޕިސޯޑުގައި "ރާއްޖޭގެ އުމްރާނީ ތަރައްގީ" އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ނުހަނު އިސްކަންދެއްވާ ސިޔާސަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބައެއް ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ. ބައެއް އިމާރާތްތައް ބޮލަށް ވެއްޓޭ ހާލަތުގައި ހުރި އިރު، އިންސާނުން ބޭނުންކުރަން ކަމުނުދާ މިންވަރަށް ހަލާކުވެފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ހާލަތު ބަދަލުކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، މިހާރު ވެސް 55 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. "މުވައްޒަފުން ހިތްހަމަޖެހިގެން މަސައްކަތްކުރެވުނީމަ ރައްޔިތުންނަށް ޚިދުމަތްދެވޭނީ. އެއް ޕްރޮޖެކްޓަކަށް 55 ރަށުގެ ޕްރޮޖެކްޓް އެޅުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އަންނަ އަހަރު މެދުތެރޭ އެ 55 ރަށުގެ ކައުންސިލް އިދާރާ ނިމޭނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އިތުރު 50 ރަށެއްގައި ކައުންސިލް އިދާރާ އެޅުމަށް ޗައިނާ ސަރުކާރުން ހިލޭ އެހީ ލިބިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެ މަޝްރޫއުތައް ފެށުމުގެ ތައްޔާރީތައް މިހާރު ކުރަމުންދާ އިރު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ވެސް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އަލަށް ތަރައްގީކުރާ މި އިމާރާތްތަކަކީ 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގައާއި، ރައްޔިތުންނާ ބައްދަލުކުރާނެ ހޯލެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ތަންތަނެވެ. އަދި މި އިމާރާތްތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ހާއްސަ ޖާގައާއި، އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ދެވޭނެ އިންތިޒާމުތައް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޝަންސް





