ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ޚާއްޞަ ޖަލްސާ މިރޭ: ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދަޢުވަތު ހުރިހާ ރައްޔިތުންނަށް އަރުވައިފިއެވެ.
މި މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ ޚާއްޞަ ޖަލްސާ އޮންނާނީ މިރޭ 20:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ސަރުކާރަށް ތިން އަހަރު ފުރިގެންދާއިރު، ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށެވެ. އެގޮތުން، ރަސްމާލެ މަޝްރޫޢު ފަދަ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފައްޓަވައި، ފްލެޓާއި ގޯތި އޭގެ ޙައްޤުވެރިންނަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން، ޤައުމުގެ މާލީ ޙާލަތު ރަނގަޅުކޮށް، އިޤްތިޞާދު ހަމަމަގަށް އެޅުވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް ފާއިތުވި ތިން އަހަރުގެ ތެރޭގައި ވަނީ އަޅުއްވާފައެވެ. ޚާއްޞަކޮށް، ދައުލަތުގެ ބޮޑު ދަރަނި ދެއްކުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމާއި، ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ އިތުރުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި އިޤްތިޞާދީ ދުވެލި ވަރުގަދަކުރުމުގެ ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދީ، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކޮށްފައެވެ.
ރިއެކްޝަންސް

