ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ބަލައިގަތުމަށް ރައީސް އޮފީހުގައި ގާއިމުކޮށްފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ހާއްސަ ޕޯޓަލެއް މިއަދު އިފްތިތާހުކޮށްފި އެވެ. 24 ގަޑިއިރު ހިދުމަތް ދޭ މި ޕޯޓަލްގެ ވެބް އެޑްރެހަކީ citizensvoice.gov.mv އެވެ.
މިއީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ސީދާ ސަރުކާރަށް ހުށަހެޅޭނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ތައާރަފުކުރި ހިދުމަތެކެވެ.
މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓް މެދުވެރިކޮށް ދޭން ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މިކަމަށް ހާއްސަ ފޯނު އެޕްލިކޭޝަނެއް ވެސް ތައާރަފުކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިހާރު ވެސް އެ ބިއުރޯގެ ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ކޯލް ސެންޓަރުގެ ހިދުމަތް ލިބެމުންދާނެ އެވެ.