ދައުލަތުން ދޭ ފްލެޓާއި ގޯތިން ދެމަފިރިންނަށް ހަމަހަމަ ހައްގު ހޯދައިދޭން މަޖިލީހަށް ބިލެއް ހުށަހަޅައިފި

ދައުލަތުން ދޭ ފްލެޓާއި ގޯތިން ދެމަފިރިންނަށް ހަމަހަމަ ހައްގު ހޯދައިދޭން މަޖިލީހަށް ބިލެއް ހުށަހަޅައިފި

13 hours ago - 10:58
Advertisement
Advertisement

ދައުލަތުން ދޫކުރާ ސޯޝަލް ހައުސިންގ ފްލެޓާއި މުދަލަކީ ދެމަފިރިންގެ ހަމަހަމަ ޙައްޤެއް އޮތް އެއްޗެއްގެ ގޮތުގައި ކަނޑައަޅައި، ޢާއިލާތަކުގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ޢާއިލާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުން ދޫކުރާ ބޯހިޔާވަހިކަމަކީ ދެމަފިރިންގެ ހަމަހަމަ ޙައްޤު އެކުލެވޭ އެއްޗެއްކަން ކަށަވަރުކޮށްދިނުމެވެ.

މި އިޞްލާޙު ހުށަހެޅުއްވި ސަބަބުތައް ބަޔާންކުރައްވަމުން މެންބަރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓާއި ގޯތި ދޫކުރުމުގައި ކައިވެންޏެއް ކޮށްގެން އުޅުމާއި ދަރިން ތިބޭ ޢަދަދަށް ބަލައި ޕޮއިންޓް ދިން ނަމަވެސް، ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮންނަނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށެވެ. އަދި އަނެއް މީހާގެ ނަމުގައި އެހެން ބިމެއް ނެތުން ޝަރުޠުކުރާއިރު، ފްލެޓް ލިބުމުން ރަޖިސްޓްރީ ކުރެވެނީ ހަމައެކަނި އެދި ހުށަހެޅި ފަރާތުގެ ނަމުގައެވެ. މީގެ ސަބަބުން ދެމަފިރިން ވަރިވާ ޙާލަތްތަކުގައި އެ ތަނަކީ ވަކި މީހެއްގެ އެއްޗަކަށް ބަދަލުވެ، އަނެކާއަށާއި މުޅި ޢާއިލާއަށް ބޮޑެތި ނިކަމެތިކަން ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ފާހަގަކުރެއްވި ގޮތުގައި، ވަރިވުމުގެ ކުރިން ދެމަފިރިން އެކުގައި ހޯދާ މުދާ އަދުލުވެރިކަމާއެކު ބެހުމުގެ އުޞޫލެއް ޢާއިލާއާ ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައި މިހާރުވެސް އޮތް ނަމަވެސް، ދެމަފިރިންނަށް ވީތީ ދައުލަތުން ދޭ އެފަދަ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ މުދަލާމެދު ޢަމަލުކުރާނެ ސާފު އުޞޫލެއް އެ މާއްދާގައި ބަޔާންކޮށްފައެއް ނުވެއެވެ.

ބިލުގައި ހިމެނޭ މުހިންމު ކަންތައްތައް:

  • ދެމަފިރިންގެ ތެރެއިން ކޮންމެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް، އެއީ މުޅި ޢާއިލާއަށް ލިބިފައިވާ ތަނެއްގެ ގޮތުގައި ބެލުން؛ މީގެ ތެރޭގައި އެ ކައިވެންޏަށް ލިބިފައިވާ ދަރިންނާއި، ރަޖިސްޓްރީ ނުވާ އަނެއް ފަރާތަށް ވެސް ހަމަހަމަ ޙައްޤު ލިބުން ހިމެނެއެވެ.
  • މިފަދަ ތަނަކާމެދު އެހެން ގޮތަކަށް ޢަމަލުކުރެވޭނީ ކޯޓުގައި ރަޖިސްޓްރީކޮށް، އެއް ފަރާތުން އަނެއް ފަރާތަށް ޙައްޤު ދޫކޮށްލުމަށް ވެވޭ އެއްބަސްވުމަކުން ނުވަތަ ޝަރުޢީ ޙުކުމަކުން ކަމަށް ކަނޑައެޅުން.
  • ވަކި މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓާއި، ބިމާއި، ގޯއްޗާމެދު ޝަރީޢަތުން ވަކި ގޮތެއް ނިންމާފައި ނުވާނަމަ، އެއީ ދެމަފިރިންގެ ހަމަހަމަ ޙައްޤު އޮތް ތަނެއްގެ ގޮތުގައި ބެލުން.
  • ލިބިފައިވާ ތަން ވަކި ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކުރާ ޙާލަތުގައި، އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގެ ތަނަވަސްކަން ކުޑަ މީހާއަށް އިސްކަންދިނުން.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement