ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 45700 ރުފިޔާއެވެ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 18000 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި 3300 ރުފިޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބިވަޑައިގަންނަވާނެއެވެ ޖުމްލަ ގޮތެއްގައި މިއީ މަހަކު 67000 ރުފިޔާއަށް ވުރެ ބޮޑު އިނާޔަތެކެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ މީހުންނަށެވެ މީގެ އިތުރުން އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ހުންނަންޖެހެއެވެ.
ސުލޫކީ އަދި އަހުލާގީ ޝަރުތުތަކުގެ ތެރޭގައި ސުންނަތް ޖަމާއަތުގެ މުސްލިމަކު ކަމުގައިވުމާއި ބުއްދިހަމައަށް ހުރުމުގެ އިތުރުން އެއްވެސް ސިޔާސީ މަގާމެއް ފުރަމުންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި ބައިވެރިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
ހަމައެއާއެކު އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ޚިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނެތުމާއި ބަދުއަހުލާގީ ނުވަތަ ޓެރަރިޒަމްގެ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުނުތާ 7 އަހަރު ދުވަސް ހަމަވެފައިވުން ލާޒިމުކުރެއެވެ އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަމުންދާ މީހަކަށް ވާންޖެހޭއިރު އެއްވެސް ޖިނާއީ ކުށެއްގެ ހުކުމް މިހާރު ތަންފީޒު ކުރަމުންދާ މީހަކަށް ވެގެން ނުވާނެއެވެ.
ރިއެކްޝަންސް





