އިހަވަންދިއްޕޮޅުގައި އިގުތިސާދީ ގޭޓްވޭ މަޝްރޫއު،"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އެއްބަސްވުމުގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ސަރުކާރާއި، ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އަދި އަބޫދާބީގެ ސާ ގްރޫޕާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.
މިއީ ރާއްޖޭގެ އެންމެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސް ޝިޕްމަންޓްގެ ހިދުމަތް ހިމެނޭގޮތަށް ޒަމާނީ ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސްގެ ޚިދުމަތްތަކާއި، އިގުތިސާދީ މައި މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުން އައި ދިގު މުއްދަތުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ވަރަށް މުހިންމު އަދި ތާރީޚީ ފިޔަވަޅެއް ކަމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިގުތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. އެސްޓީއޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ޝިމާދު އިބްރާހީމް ސޮއިކުރެއްވި އިރު، ސާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯ އަހުމަދު އިބްރާހީމް އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އަބޫދާބީގެ ސާ ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، ހަކަތަ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯދާފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބު ކުންފުންޏެކެވެ. މި މަޝްރޫއުގެ ދަށުން، ޒަމާނީ ފެންވަރުގެ ބަނދަރަކާއި، އެއާ ގުޅުންހުރި ހުރިހާ އުމްރާނީ ވަސީލަތްތަކެއް ހިމެނޭގޮތަށް ފުރިހަމަ ތަރައްގީއެއް ގެނައުމަށް ރޭވިފައިވެއެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަދި ސަރުކާރުގެ ދިގު ރާސްތާ ސިޔާސަތެއް ކަމުގައިވާ "ވިޝަން 2040" ގެ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. ކުރިއަށް އޮތް 15 އަހަރުގެ ތެރޭގައި ތަފާތު އެކި ދާއިރާތަކުން ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ރޭވިފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ މައިގަނޑު ސިނާއަތްތައް ފުޅާކުރުމާއި، ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމާއި، ތައުލީމީ އަދި ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމާއެކު ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމުތައް އެކުލަވާލުންވެސް މި ތަސައްވުރުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން، އަތޮޅުތަކުގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ނުވަތަ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމާއި، މަސްވެރިކަމުގެ ސިނާއަތުން އުފައްދާ އައު އުފެއްދުންތައް ބޭރުގެ ބޮޑެތި ބާޒާރުތަކަށް ތައާރަފުކުރުމުގެ އިތުރުން، ރާއްޖޭގެ ވައިގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުންވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އިހަވަންދިއްޕޮޅުގައި މި ފެށުނު މެގަ މަޝްރޫއާއެކު ދިވެހިރާއްޖެ ވެގެންދާނީ އިގުތިސާދީ ގޮތުން އެހެން ފަރާތްތަކަށް ބަރޯސާނުވާ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އަދި ދުނިޔޭގެ ވިޔަފާރީގެ ޗާޓުގައި ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ އިގުތިސާދެއް އޮތް ފުދުންތެރި ގައުމަކަށެވެ.
ރިއެކްޝަންސް





