މިއަހަރު ނިމޭއިރު ރަސްމީ ރިޒާވުގައި ހުންނާނީ 817 މިލިއަން ޑޮލަރު
މިއަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުންނާނެ ކަމަށް ލަފާކުރެވެނީ 817.17 މިލިއަން އެމެރިކާ ޑޮލަރު ކަމަށް، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފިއެވެ. ސަރުކާރުން މިހާރު ވެސް އަންނަނީ ދައުލަތުގެ ރިޒާވް ހަރުދަނާކޮށް އިތުރަށް ވަރުގަދަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގައި ރާއްޖޭގެ ރިޒާވްގެ ހާލަތަށް އަލިއަޅުވާލަމުން ބަޔާންކޮށްފައިވާ ގޮތުގައި، މިއަހަރު ނިމޭއިރު ހުންނާނެ ކަމަށް ބެލެވޭ 817.17 މިލިއަން ޑޮލަރަކީ މިދިޔަ އަހަރުގެ ނިޔަލަށް ރިޒާވްގައި ހުރި އަދަދާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވުގައި 984.6 މިލިއަން ޑޮލަރު ރައްކާކުރެވިފައި އޮތުމުން، މިއީ ގާތްގަނޑަކަށް 16.9 އިންސައްތައިގެ ދަށްވުމެކެވެ.
ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރިޒާވްގެ އަދަދު މިދިޔަ އަހަރަށް ވުރެ ދަށްވި މައިގަނޑު ސަބަބަކީ ބޭރުގެ ދަރަނިތައް ހަލާސްކުރުމަށް ރިޒާވުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހުމެވެ. އެގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލާއި އަސާސީ މުދަލުގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި ވެސް، ރާއްޖެއިން ވަނީ ބޭރުގެ ބޮޑެތި ދަރަނިތައް ގަވާއިދުން ދައްކާފައެވެ. އޭގެ ތެރޭގައި، ރާއްޖެއިން މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އަދާކުރަން ޖެހުނު 500 މިލިއަން ޑޮލަރުގެ ބޮޑު ސުކޫކް ދެއްކުން ހިމެނެއެވެ. މި ސުކޫކް ދެއްކުމަށްޓަކައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން (އެސްޑީއެފް) 350 މިލިއަން ޑޮލަރު ހަމަޖެއްސިއިރު، ބާކީ ބައި ދައްކާފައިވަނީ ސީދާ ދައުލަތުގެ ރަސްމީ ރިޒާވުންނެވެ.
މިއަހަރުގެ ކުރީކޮޅު ރިޒާވް ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅުތަކާއެކު، ޖެނުއަރީ މަހު ރަސްމީ ރިޒާވް ވަނީ 1 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. އަދި އަޅަމުންދިޔަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މާޗް މަހުގެ ނިޔަލަށް ރިޒާވް ވަނީ ރެކޯޑު މިންވަރަކަށް، އެއީ 1.3 ބިލިއަން ޑޮލަރަށް އުފުލިފައެވެ.
މީގެ އިތުރުން ރިޒާވް އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި، ސަރުކާރުން ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކަށް މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން، ޝަރުތުހަމަވާ ވިޔަފާރިތަކުން އެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ. މިގޮތަށް މާރުކުރެވޭ ބޭރު ފައިސާގެ ބައެއް ވިޔަފާރި ބޭންކުތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާއިރު، މަރުކަޒީ ބޭންކުން އެ ފައިސާ ބޭނުންކުރަމުން ދަނީ ގައުމީ ރިޒާވް ހަރުދަނާ ކުރުމަށެވެ.
ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަހަރު ނިމޭއިރު ރިޒާވް ހުންނާނެ މިންވަރު އަންދާޒާކޮށްފައިވަނީ ތަކެތީގެ އަގަށް އަންނަ ބަދަލުތަކާއި، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، މަނިޓަރީ ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް ލަފާކުރެވޭ ބޭރު ފައިސާގެ ފައިނޭންސިންގ އަށް ބިނާކޮށެވެ.
ރަސްމީ ރިޒާވް މަތިކުރުމުގެ އިތުރުން، އަތްމަތީގައި ބޭނުންކުރެވެން ހުންނަ ރިޒާވް (ޔޫޒަބަލް ރިޒާވް) އިތުރުކުރުމަކީ މަރުކަޒީ ބޭންކުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެމްއެމްއޭގެ ގަވަރުނަރު ފާހަގަކުރައްވާފައިވާ ގޮތުގައި، މި މަސައްކަތްތަކުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ރިއެކްޝަންސް

