މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ރާއްޖޭގެ އިގުތިސާދީ ދުވެލި މިއަހަރު ދަށްވާނެ ކަމަށް އޭޑީބީން ބުނެފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ރާއްޖޭގެ އިގުތިސާދީ ދުވެލި މިއަހަރު ދަށްވާނެ ކަމަށް އޭޑީބީން ބުނެފި

7 hours ago - 18:32

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، މިއަހަރު ދިވެހިރާއްޖޭގެ އިގުތިސާދީ ދުވެލި ބޮޑުތަނުން ދަށްވާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އަންދާޒާކޮށްފިއެވެ.


އޭޑީބީން މިއަދު އާންމުކުރި "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް" (އޭޑީއޯ) ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، 2025 ވަނަ އަހަރު 5.4 އިންސައްތައިގައި ހުރި ރާއްޖޭގެ އިގުތިސާދީ ދުވެލި މިއަހަރު 1.0 އިންސައްތައަށް ވެއްޓޭނެއެވެ. މިއީ ރާއްޖޭގެ މާލީ ހާލަތަށާއި ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އައިސްފައިވާ ބަދަލެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.


ރާއްޖޭގެ އިގުތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމަށް މެދުއިރުމަތީގެ މައްސަލަތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއެކު 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތަ އިތުރުވި ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދަށްވެފައެވެ. މިއަހަރުވެސް ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ދުވެލި މަޑުޖެހޭނެ ކަމަށް ބެލެވެއެވެ.


އޭޑީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު މުހިންމު ކަންތައްތަކުގެ ތެރޭގައި:

  • 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ އާމްދަނީ އިތުރުވުމާއި ދައުލަތުގެ އިންވެސްޓްމަންޓްތައް މަދުކުރުމުން ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަވެފައިވެއެވެ.
  • ބޭރު ފައިސާގެ ގަވާއިދުތައް ހަރުދަނާކުރުމުން ރިޒާވަށް ކުރިއެރުމެއް ލިބުނު ނަމަވެސް، ސަރުކާރުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމާ ގުޅިގެން ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
  • ކެޕިޓަލް ހަރަދުތައް ކުޑަކުރުމުން ބަޖެޓް ޑެފިސިޓް ދަށްވި ނަމަވެސް، ރިކަރަންޓް ހަރަދުތައް އަދިވެސް ދަނީ އިތުރުވަމުންނެވެ.
  • ދައުލަތުގެ ދަރަނި އަދިވެސް ހުރީ ޖީޑީޕީގެ ނިސްބަތުން 130 އިންސައްތައާ ގާތްކުރާ މިންވަރެއްގައެވެ.

އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް ޖޫލްސް ހޫގޯ ވިދާޅުވި ގޮތުގައި، ސުކޫކް ކާމިޔާބުކަމާއެކު ދެއްކި ނަމަވެސް އިގުތިސާދީ ގޮންޖެހުންތައް އަދިވެސް އެބަހުއްޓެވެ. ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ބަޖެޓަށް ބާރުބޮޑުވަމުންދާތީ، މާލީ އިސްލާހުތައް އަވަސްކުރުން މިހާރު ވަރަށް މުހިންމެވެ.


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ ރާއްޖޭގެ ކަރަންޓު ސަބްސިޑީގެ ހަރަދު ބޮޑުވާ ކަމެކެވެ. މީގެ އިތުރުން ފަތުރުވެރިކަން ދަށްވުމުން ޓެކްސް އާމްދަނީ މަދުވުމަކީ ސަރުކާރަށް އޮތް ބޮޑު މާލީ ޕްރެޝަރެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.


ނަމަވެސް، ފަތުރުވެރިކަން އަލުން ރަނގަޅުވެ، ތެލުގެ އަގު ހަމައަކަށް އެޅުމުން 2027 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި 3.0 އިންސައްތައަށް އަރާނެ ކަމަށް އޭޑީބީން ލަފާކުރެއެވެ. މި ކުރިއެރުން ހާސިލުކުރެވޭނީ ސަރުކާރުން މިހާރު ފަށާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްގެން ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow