ދ. މީދޫ ކައުންސިލްގެ ރައީސްކަން ވޯޓު އަލުން ގުނުމަށްފަހު އެމްޑީއޭގެ ކެނޑިޑޭޓް ކާމިޔާބުކޮށްފި
ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ވޯޓުގެ ނަތީޖާއާ މެދު ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން، އެ ރަށުގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށްފަހު އެމްޑީއޭގެ ކެނޑިޑޭޓް މުހައްމަދު ޝާހިދު އިންތިހާބުވެއްޖެއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު މި އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ތިން ކެނޑިޑޭޓުން ވާދަކުރެއްވިއެވެ. އެއީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޕީއެންސީގެ ކެނޑިޑޭޓް ސުހާ އިބްރާހީމާއި، އެމްޑީއޭގެ ކެނޑިޑޭޓް މުހައްމަދު ޝާހިދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް ނަސީމެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވޯޓު ފޮށި އަލުން ގުނަން ޖެހުނީ، މީދޫގެ ދެ ނަމްބަރު ވޯޓު ފޮށީގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން އެ ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. އެ ބިއުރޯއިން މައްސަލަ ބެލުމަށްފަހު، ވޯޓު ފޮށި އަލުން ގުނުމަށް ނިންމައި އެކަން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ވޯޓު ފޮށި އަލުން ގުނުމުން ލިބުނު ނަތީޖާ ދައްކާގޮތުން، އެމްޑީއޭގެ ކެނޑިޑޭޓް މުހައްމަދު ޝާހިދަށް އެ ފޮށިން 127 ވޯޓު ލިބިފައިވެއެވެ. ޕީއެންސީގެ ކެނޑިޑޭޓް ސުހާ އިބްރާހީމަށް 114 ވޯޓު ލިބުނުއިރު، އަމިއްލަ ކެނޑިޑޭޓް އިބްރާހީމް ނަސީމަށް ލިބުނީ 36 ވޯޓެވެ. އަދި މި ފޮށިން 17 ވޯޓު ވަނީ ބާޠިލްވެފައެވެ.
މުޅި ރަށުގެ ވަގުތީ ޖުމްލަ ނަތީޖާއަށް ބަލާއިރު، އެމްޑީއޭގެ ކެނޑިޑޭޓް މުހައްމަދު ޝާހިދު އިންތިހާބު ކާމިޔާބު ކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ޝާހިދަށް ޖުމްލަ 392 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 391 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓަށް ލިބުނީ 100 ވޯޓެވެ.
މި ނަތީޖާއާއެކު، ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީއޭއަށް މިވަނީ ކަށަވަރުވެފައެވެ.
ރިއެކްޝަންސް

