އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދިވުމުގެ ފުރުސަތު ސަރަހައްދުން ވެސް އޮތީ ރާއްޖެއަށް އެކަނި: ވޯލްޑް ބޭންކް
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން، އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ބަދަލުވުމުގެ ފުރުސަތު އޮތް ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ. އެހެން ނަމަވެސް، މި ފުރުސަތުގެ ބޭނުން ހިފުމަށް ކުރިއަށް އޮތް އަހަރުތަކުގައި އަވަސް އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވަނީ އިންޒާރުދީފަ އެވެ.
ވޯލްޑް ބޭންކުގެ "ޑެމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ" ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރަހައްދުގެ ގިނަ ގައުމުތަކަށް ކުރިމަތިވެފައިވަނީ މުއްސަނދިވުމުގެ ކުރިން މުސްކުޅިވާން ޖެހުމުގެ ނުރައްކަލެވެ. ނަމަވެސް ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ ނިސްބަތުން މަތީގައި އުޅޭތީ، މިހާރު އިގްތިސާދު ކުރިއަރަމުން އަންނަ ދުވެލީގައި ދެމިއޮވެއްޖެ ނަމަ، އާބާދީ މުސްކުޅިވާނެ ކަމަށް ލަފާކުރާ 2044 ވަނަ އަހަރާ ހަމައަށް ދާއިރު އެ އަދަދު 25،000 ޑޮލަރަށް ވުރެ މައްޗަށް އަރާނެ އެވެ.
ރާއްޖެއަށް މި ފުރުސަތު އޮތް ނަމަވެސް، ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ރާއްޖޭގެ އާބާދީ މުސްކުޅިވަމުން އަންނަނީ އާދަޔާ ހިލާފަށް އަވަސް ދުވެއްޔެއްގަ އެވެ. ސަރަހައްދުގެ އެހެން ގައުމުތަކަށް މި ބަދަލު އަންނަން 25 އަހަރު ނަގާނެ ކަމަށް ބެލެވުނަސް، ރާއްޖޭގައި އެކަން އެންމެ 13 އަހަރުގެ ތެރޭގައި ހިނގާނެ ކަމަށް ލަފާކުރެވެ އެވެ. އެގޮތުން 2031 ގައި ރާއްޖޭގެ އާބާދީގެ 7 ޕަސެންޓް މީހުން 65 އަހަރުން މައްޗަށް އަރާނެ ކަމަށާއި، 2044 ގައި އެ ނިސްބަތް 14 ޕަސެންޓަށް އަރައި ރަސްމީކޮށް މުސްކުޅި އާބާދީއަކަށް ރާއްޖެ ބަދަލުވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.
މި ބަދަލުތަކާ އެކު ކުރިމަތިވާނެ މާލީ އަދި އިޖުތިމާއީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ރާއްޖޭގެ ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި އަލުން ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ. މީގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި އުމުރުން ދުވަސްވީ މީހުން ބޭތިއްބުމަށް ޕްރައިމަރީ ހެލްތު ކެއާ ހަރުދަނާކުރުމާއި، ކުދިން ބެލެހެއްޓޭނެ ލުއި އިންތިޒާމުތައް ހަމަޖައްސައިދީގެން ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރަން ޖެހޭ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ވޯލްޑް ބޭންކުން ބުނީ ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމަށް ލިބިފައިވާ މި ތާރީޚީ ފުރުސަތުގެ ބޭނުން ހިފުމަށް ކުރިއަށް އޮތް 10 އަހަރަކީ އެންމެ މުހިންމު ދަނޑިވަޅު ކަމަށެވެ.
ރިއެކްޝަންސް





