
48 ރަށެއްގައި ކުޑަކުދިންގެ ޕާރކް އަޅަނީ
50 ކައުންސިލް އިދާރާގެ މަސައްކަތް މިއަހަރު މެދުތެރޭގައި ފެށޭނެ
48 ރަށެއްގައި ކުޑަކުދިންގެ ޕާރކް އެޅުމުގެ މަސައްކަތް ފަށަން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އިން ތައްޔާރުވެއްޖެއެވެ.
އެމިނިސްޓްރީގެ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ 48 ޕާރކްގެ ތެރެއިން 39 ޕާރކް އަޅަނީ އިންޑިޔާ ސަރުކާރުގެ އެހީގެ ދަށުން ކަމަށެވެ. އިންޑިޔާ ސަރުކާރުގެ އެހީގައި އަޅާ ޕާރކްތަކުގެ ޕްރޮޕޯސަލްތައް މިހާރު ފޮރިންގ މިނިސްޓްރީއަށް ފޮނުވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެސްޓީއޯގެ އިޖުތިމާއީ ޒިންމާގެ ދަށުންވެސް ދެ ޕާރކެއް އަޅަން ވަނީ ނިންމާފައެވެ. އޭގެތެރެއިން އެއް ޕާރކް އަޅަކީ ތ.ބުރުނީގައެވެ. އެޕާރކްގެ ކުރެހުމާއި އެހެން ބައެއް މަސައްކަތްތައްވެސް ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
7 ޕާރކެއްގެ މަސައްކަތް މިނިސްޓްރީގެ ޕީއެސްއައިޕީގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
" މިމަސައްކަތްތައް މިހާރު ވަނީ ތަރުތީބު ކުރެވިފަ. އަޅުގަނޑުމެން މިބަލަނީ އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މިމަސައްކަތްތައް ފެށިގެން ކުރިއަށްދާނެކަމަށް." ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން މިހާރު އިއުލާނުކުރައްވާ ބައެއް ރަށްރަށުގައި ބިންގާވެސް އަޅާފައިވާ 50 ރަށެއްގައި ކައުންސިލް އިދާރާ އެޅުމުމުގެ މަޝްރޫއު މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މިމަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމަސައްކަތް ފެށުމަށް ހަދަންޖެހޭ ޕީސިބިލިޓީ އެސެސްމަންޓް ހެދުމަށް އޭޕްރީލް މަހު ޗައިނާ ޓީމް ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ ހާލަތު ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޗައިނާ ސަރުކާރުގައި ދަންނަވައިގެން ކުރިއަށް ގެންދަވާ މަޝްރޫއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް






