
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ ގަޑިތަކަށް ބަދަލު ގެނެސްފި
މަސްދަޅު ބަހާނީ ލޯކަލް ކައުންސިލްތަކާބެހޭ މިނިސްޓްރީން
ރަމަޟާން މަހަށް ސަރުކާރުން ގޭބީސީތަކަށް ދޭ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބަހަން ފަށާ ގަޑިތަކަށާއި، އަދި މަސްދަޅު ކޭސް ބަހާ ސަރަހައްދުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިބަދަލަކީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ހަވާލުވުމާއި ގުޅިގެން ގެނައި ބަދަލެއް ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
މިހާރު މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތަކަކީ:
- 20 ފެބްރުއަރީ 2025- 20:30 އިން 23:00 އަށް
- 21 ފެބްރުއަރީ 2025- ބަންދު
- 22 ފެބްރުއަރީ 2025- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
- 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް، މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނެ ގޮތަށް ކަންކަން ރާވާ ބައްޓަންކޮށްފައިވާކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ.
މިހާރު މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައިވާ ތަންތަނަކީ:
- މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
- ވިލިމާލޭގައި: ވެމްކޯ ސައިޓް
- ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު
އިތުރު މަރުކަޒުތައް ގާއިމްކުރެވޭނަމަ، އެ މަޢުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
ރިއެކްޝަންސް






