
ހަނިމާދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 4 ޒުވާނަކު ހައްޔަރުކޮށްފި
އަންހެނަކު ހިމެނޭ
ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 4 ޒުވާނަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި 20 އަހަރުގެ އަންހެނަކު ވެސް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ، ނ. ވެލިދޫ / މޯނިންގސަން، ފާޠިމަތު ޝާޙާ ޙަސަން (20އ) އާއި ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (22އ) އާއި ސ. ފޭދޫ / ރަތްވިލާގެ، މުޙައްމަދު ރިޟުވާނު ޢަބްދުއްސައްތާރު (22އ) އަދި ދ. ކުޑަހުވަދޫ / މާހިލް، އަރްސަމް ޢަލީ ވަޙީދު (28އ) އެވެ. ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 13.85 ގުރާމެވެ.
އެމީހުން ހައްޔަރުކުރީ ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 30 ދުވަސް ޖަހާފައެވެ.
މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރިއެކްޝަންސް






