ހިމަބިއްސާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް އިންޑިއާއިން 20,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި
ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރުން ކޮންޓްރޯލްކޮށް، ވެކްސިން ޖަހާ މިންވަރު އިތުރުކުރުމަށް އެހީވުމުގެ ގޮތުން އަވަށްޓެރި އިންޑިއާ ސަރުކާރުން 20,000 ޑޯޒްގެ ވެކްސިނާއި ތިން ޓަނުގެ މެޑިކަލް ސަޕްލައި މިއަދު ހަދިޔާކޮށްފިއެވެ.
މި ތަކެއްޗަކީ ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ފޮނުވި ތަކެއްޗެވެ. ސިއްހީ ވުޒާރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. ރާއްޖޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ އެވެ.
މި އެހީއާ ގުޅޭގޮތުން އިންޑިއާ ހައިކޮމިޝަނުން ބުނީ، މިއީ ރާއްޖޭގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެ ބައްޔާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުމަށް ދިން ވަގުތުން ވަގުތަށް ބޭނުންވާ މުހިންމު އެހީއެއް ކަމަށެވެ. އަދި އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން ރާއްޖެއަށް އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އެ ގައުމުން ބުންޏެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ވެކްސިން ޖަހަމުންދަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށެވެ. އާންމުންނަށް ޖެހުމަށް ބޭނުންވާ އިތުރު ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން އައީ ކުރަމުންނެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވީ ނަމަވެސް، މި އަހަރުގެ ތެރޭގައި ދިވެހިން ހިމެނޭހެން 15 ކޭސް ފެނުމާ ގުޅިގެން ހާލަތު ވަނީ ސީރިއަސްވެފައެވެ. މީގެ ކުރިން މި ބަލި ފެންނަމުން ދިޔައީ ހަމައެކަނި ބިދޭސީންގެ ފަރާތުންނެވެ. އެހެންކަމުން، އިންޑިއާއިން މިއަދު ހަދިޔާކުރި ވެކްސިނާއެކު މި ބަލި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





