
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 15އަށް އިތުރުކޮށްފި
ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ނިންމި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހައުސިންގ މިނިސްޓްރީން އިތުރުކޮށްފިއެވެ. މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ ކުރިން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ނިމެނީ މި މަހުގެ 31 ވަނަ ދުވަހަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރެއިން ގިނަ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވާތީ، މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، މިހާތަނަށް ލިސްޓާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކަށް ރިޢާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި، ސަރުކާރުގެ އިދާރާތަކުގައި ހުރި މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ ކަމަށްވެސް މިނސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން އިތުރަށް ވިދާޅުވީ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ތަފްޞީލާއެކު ޝަކުވާ ހުށަހެޅުމަށެވެ. މި ފުރުޞަތުގައި ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށާއި ޝަރުތު ހަމަނުވާކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކަށްވެސް ޝަކުވާ ހުށަހެޅިދާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ރިއެކްޝަންސް






