ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް ފަށައިފި
ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ނެޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ 4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކުރީގެ ބެޗުތަކެކޭ އެއްފަދައިން މިފަހަރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބައިވެރިން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އެގޮތުން ރާއްޖޭގެ 13 ސަރަޙައްދެއްގައި މި މަރުހަލާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިންޓަވިއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ. ވޭމަންޑޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫގެ އިތުރުން މާލެ ސިޓީ ހިމެނެއެވެ.
މި މަރުޙަލާގެ ތެރޭގައި ބައިވެރިންގެ އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ކުރިއަށް ގެންދާނެއެވެ. މި ޓެސްޓްތަކުން ފާސްވާ ފަރާތްތަކަށް 4 ވަނަ ބެޗުގެ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ފެށުނު ދިވެހި ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގެ ބައިވެރިން މިހާރު ދަނީ ޅ. މާފިލާފުށީގައި އެ ފަރާތްތަކުގެ ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ސަރުކާރުން ފަށްޓަވާފައިވާ ޤައުމީ މުހިންމު ސިޔާސަތެކެވެ.
ރިއެކްޝަންސް





